ޚަބަރު

ރަމަޟާން މަހު ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގައި އިސްލާމީ ވަޙުދަތު ދެމެހެއްޓުމަށް އިލްތިމާސްކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ބަރަކާތްތެރި ރަމަޟާން މަހު ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގައި އިސްލާމީ ވަޙުދަތު ދެމެހެއްޓޭނެހެން ކަންކަން އިންތިޒާމް ކުރުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު އިލްތިމާސްކުރައްވައިފިއެވެ.

Ads by STELCO

މިއަދު ވަޒީރު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވާއިރު، ބަރަކާތްތެރި ރަމަޟާން މަހު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކެއިންބުއިމުގެ ޚިދުމަތް ދިނުމުގައި ރާއްޖޭގައި އޮންނަ އިސްލާމީ ރިވެތި އާދަކާދަތަކާއި، ދީނީ އެއްބައިވަންތަކަމާ އަދި އިސްލާމްދީނަށް ދިވެހިންކުރާ އިޙުތިރާމާ ޤަދަރާއި އިސްލާމީ ވަހުދަތު ދެމެހެއްޓުމަށް ބާރު ލިބޭނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރެއްވުމަށް އެންމެހާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

އެހެންކަމުން ފަތުރުވެރިންނަށް ކެއުންބުއިމުގެ ޚިދުމަތްތައް އާންމުނަށް ނުފެންނާނެހެން އިންތިޒާމު ކުރުމަށާއި މަގުތަކާއި އާންމުތަންތަނުގެ ޙުރުމަތް ނުކެނޑޭނެހެން، ފަތުރުވެރިންގެ ޢަމަލުތައް ބެހެއްޓުމަށް ބާރު އަޅުއްވައި ދެއްވައި، އަދި ރަމަޟާން މަހު މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިންގެ ޢަމަލުތައް ބަހައްޓަންޖެހޭނެ ގޮތުގެ މަޢުލޫމާތު ފަތުރުވެރިންނަށް ހިއްސާކޮށްދެއްވުމަށް ވަޒީރު ވަނީ އެދިލައްވާފަވެއެވެ.

ވީމާ ބަރަކާތްތެރި ރަމަޟާން މަހު، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިންނަށް ޚިދުމަތް ދެއްވާ އެންމެހާ ފަރާތްތަކުން، އިސްވެ ދެންނެވިފައިވާ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި، ކައުންސިލްތަކުން އެ ކަންކަމަށް ފާރަވެރިވުމަށް އިލްތިމާސްކުރަން. މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

Ads by PNC