މާފުށީގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް ފަށައިފި
ކ. މާފުށީގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެ މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްއެވެ.
މާފުށީ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނެނީ އެ ރަށު ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ހޮޅި އެޅުމާއި، ނަރުދަމާ ޕަންޕިންގ ސްޓޭޝަން ބެހެއްޓުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމެވެ.
އޭގެ އިތުރުން އައުޓް ފޯލް އެޅުމާއެކު ދުވާލަކު 1500 ޓަނުގެ ފެން އުފެއްދޭ ވަރުގެ ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި، 3500 ޓަނުގެ ފެން ރައްކާ ކުރެވޭ ވަރުގެ ދެ ޓޭންކު ބެހެއްޓުމާއި، ފެން މީޓަރުތައް ބަހެއްޓުމާއި، އައުޓްފޯލް އެޅުމުގެ އިތުރުން އެ މަޝްރޫއު ނިންމުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ވެސް ހިމެނެއެވެ.
އެ މަސައްކަތްތައް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައި ވަނީ 186008682 ރުފިޔާއަށެވެ.
ރާއްޖޭގައި ލޯކަލް ޓޫރިޒަމްގައި އެންމެ ކުރީގައި އޮތް މާފުށިން އަލަށް ހިއްކި ސަރަހައްދުގައި ވެސް ގެސްޓު ހައުސްތައް ހެދުމަށް ވަނީ ނިންމައިފައެވެ.