ކުޑަކުދިންނަށް އަމާޒުކޮށް "ހުކުރު ހުތުބާ ކުއިޒް"ގެ ނަމުގައި ހާއްސަ މުބާރާތެއް
ކުޑަކުދިންނަށް އަމާޒުކޮށް "ހުކުރު ހުތުބާ ކުއިޒް"ގެ ނަމުގައި ގައުމީ ފެންވަރުގެ ޑިޖިޓަލް މުބާރާތެއް އިސްލާމިކް މިނިސްޓްރީން މިއަދު އިފްތިތާހުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއީ އުމުރުން ހަތް އަހަރާއި 15އަހަރާ ދެމެދުގެ ކުދިން ހުކުރު ހުތުބާއަށް ދޭ ސަމާލުކަން އިތުރުކޮށް، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަތިވެރި މަގުސަދުގައި ފެށި ޕްރޮގްރާމެއް ކަމަށެވެ.
އެ ކުއިޒް ކުރިއަށް ގެންދާނީ ދިވެހި ބަހުން ކުރިއަށްގެންދާ "އޯޕަން ބުކް" މެތަޑަށް ކަމަށާއި ކުއިޒަށް ޖަވާބު ދިނުމަށްޓަކައި އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ހުތުބާ ކިޔަންޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ހުތުބާ ފަހުމުވުމަށް ޓަކައި ބެލެނިވެރިންގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ކުދިންނަށް އޮންނާނެކަމަށް ވެސް ބުންޏެވެ.
ކުއިޒް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މައިކްރޮސޮފްޓް ފޯމްސް މެދުވެރިކޮށް ކަމަށްވުމުން، ފޯނުން ނުވަތަ ކޮމްޕިއުޓަރުން ވެސް ފަސޭހަކަމާ އެކު ކުއިޒުގައި ބައިވެރިވެވޭނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ކޮންމެ ހަފްތާއެއްގެ ވެސް ބުދަ ދުވަހުގެ ހެނދުނު 10:00ގައި ކުއިޒް ހުޅުވާލާނެ ކަމަށާއި އަދި ޖެހިގެން އަންނަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 22:00އާ ހަމައަށް ކުއިޒުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ.
މުބާރާތް ކުރިއަށް ގެންދަނާނީ ތިން އުމުރު ފުރައަކަށެވެ. އެއީ
- ގްރޫޕް އޭ (7-9 އަހަރު)
- ގްރޫޕް ބީ (10-12 އަހަރު)
- ގްރޫޕް ސީ (13-15 އަހަރު)
އެ ކުއިޒުގައި ބައިވެރިވުމަށް ޓަކައި މިނިސްޓްރީއިން ތައްޔާރުކޮށްފައިވާ ވައިބާ ކޮމިއުނިޓީ ގްރޫޕަކަށް ވަންނަން ޖެހޭނެ ކަމަށާއި އެ ގްރޫޕަށް ކޮންމެ ހުކުރު ހުތުބާއާއި ކުއިޒާ ބެހޭ އިތުރު މަޢުލޫމާތު ވެސް ލާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
"މިއީ އޯޕަން ބުކް ކުއިޒަކަށްވާތީ، މުބާރާތުން ވަނަވަނައަށް ދާނީ ހުރިހާ ބުރުތަކެއްގެ ޖުމްލަ ސްކޯގެ 90އިންސައްތަ އަށްވުރެ މަތިން މާކްސް ހޯދާ ކުދިންގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ ކުދިންނެވެ. އަދި މާކްސް އެއްވަރުނަމަ އެ ކުދިންގެ މެދުގައި މެދުގައި ނެގޭ ގުރުއަތަކުންނެވެ."
ކޮންމެ އުމުރުފުރައަކުން ވެސް ވަނަތަކަށް ހޮވޭ ކުދިންނަށް ވަރަށް އަގުހުރި އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ:
- 1ވަނަ އަށް ދާ ކުއްޖަކަށް: އުމްރާ ދަތުރެއް (ޖުމްލަ 3އުމްރާ ދަތުރު)
- 2ވަނަ އަށް ދާ ކުއްޖަކަށް: -/1000ރުފިޔާ
- 3ވަނަ އަށް ދާ ކުއްޖަކަށް: -/500ރުފިޔާ