ޚަބަރު

މި އަހަރުގެ ބޮޑު ދަރަނި މިހާރު ދައްކަން ޖެހުނަސް ދެއްކޭވަރަށް ފައިސާ އެބަހުރި: ރައީސް

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ރައީސް މުއިއްޒު--

ރާއްޖެއިން މިއަހަރު ދައްކަން ޖެހޭ އެންމެ ބޮޑު ބޭރުގެ ދަރަނި ކަމަށްވާ 500މިލިއަން ޑޮލަރުގެ ސްކޫކް މިހާރު ދައްކަން ޖެނުނަސް ދެއްކޭނެ ފައިސާ ރައްކާކޮށްފައި އެބަހުރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by PNC

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސަރުކާރުން މިވަގުތު 650މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ރައްކާކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ސޮވަރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް)ގައި 320މިލިއަން ޑޮލަރު އަދި ޔޫޒަބަލް ރިޒާވްގައި 330މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

"އެއްވެސް ކަންބޮޑުވުމެއް ނެތް، މިއަދު ފައިސާ ދައްކަން ޖެހުނަސް އެ ފައިސާ އެބަހުރި ރައްކާކޮށްފައި،" ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ބޮޑު ދަރަނި ދައްކަން ނިންމާފައި ވަނީ އަންނަ މަހުގެ 8ވަނަ ދުވަހުއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ގްރޮސް ރިޒާވްގައި މިހާރު ވެސް 1.27ބިލިއަން ޑޮލަރު އެބަހުރި ކަމަށާއި އެއީ ދިވެހި ތާރީހުގައި ދުވަހަކު ވެސް ރައްކާކުރެވުނު އަދަދެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސޯދު މިހާރު ވަރަށް ރަނގަޅަށް ހިނގަމުންދާކަން ވެސް ފާހަގަކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!