ޚަބަރު

އެންޓި ސްކޭމް ސެންޓަރުން ބައިނަލްއަގުވާމީ ފެންވަރުގެ ބޮޑު އޮޕަރޭޝަނެއްގައި ބައިވެރިވެއްޖެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ރާއްޖޭގެ އެންޓި ސްކޭމް ސެންޓަރުން ބައިނަލްއަގުވާމީ ފެންވަރުގެ ބޮޑު އޮޕަރޭޝަންގައި ބައިވެރިވެއްޖެއެވެ.

Ads by Allied

އެންޓި ސްކޭމް ސެންޓަރުން ބައިވެރިވީ ބައިނަލްއަގުވާމީ އޮޕަރޭޝަން “އޮޕަރޭޝަން ފްރޮންޓިއަރ+" ގައެވެ.

މިއީ މިއީ ދުނިޔޭގެ އެކި ގައުމުތަކުގެ ނޭޝަނަލް އެންޓި-ސްކޭމް ސެންޓަރުތައް ގުޅިގެން، ސްކޭމްގެ ވިއުގަތަކަށް އަމާޒުކޮށް ހިންގާ ބައިނަލްއަގުވާމީ ބޮޑު ހަރަކާތެކެވެ. މިއީ ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތަކާއި މާލީ ކުށްތަކާ ދެކޮޅަށް ހިންގޭ ބައިނަލްއަގުވާމީ ފެންވަރުގެ ތިންވަނަ ބޮޑު އޮޕަރޭޝަން ވެސް މެއެވެ.

ފްރޮންޓިއަރ+ އެލަޔަންސްގައި 13ގައުމެއް ހިމެނެއެވެ. މިއީ ޓްރާންސްނޭޝަނަލް ސްކޭމްތައް ހުއްޓުވުމަށްޓަކައި، އެކި ގައުމުތަކުގެ އެންޓި-ސްކޭމް ސެންޓަރުތަކާއި ތަންފީޒީ އިދާރާތައް ގުޅިގެން އުފައްދާފައިވާ އެލަޔަންސެކެވެ. މި އެލަޔަންސްގައި ބައިވެރިވާ ގައުމުތަކަކީ، އޮސްޓްރޭލިއާ، ބްރޫނާއީ، ކެނެޑާ، ހޮންގް ކޮންގް، އިންޑޮނޭޝިއާ، ސައުތު އެފްރިކާ، މަކާއޯ، މެލޭޝިއާ، ދިވެހިރާއްޖެ، ދުބާއީ، ސިންގަޕޫރު، ސައުތު ކޮރެއާ އަދި ތައިލޭންޑެވެ.

އިއްޔެއިން ފެށިގެން މޭ މަހުގެ ހަތަކަށް ކުރިއަށް ގެންދާ އެ އޮޕަރޭޝަންގެ ދަށުން، އިންވެސްޓްމަންޓް ސްކޭމް، ރޮމޭންސް ސްކޭމް، އީ-ކޮމާސް ސްކޭމް، ޖޮބް ސްކޭމް، ލޯން ސްކޭމް، ފިޝިންގ އަދި ސަރުކާރުގެ އިދާރާތަކުގެ ނަމުގައި ހިންގާ ސްކޭމްތަކަށް ހާއްސަ ސަމާލުކަމެއް ދޭނެކަމަށް ފުލުހުން ބުންޏެވެ.

"މި އޮޕަރޭޝަންގެ ނަތީޖާ ހުށަހެޅުމަށް ހަމަޖެހިފައިވަނީ މެއި 13ވަނަ ދުވަހުއެވެ. އަދި މި އަހަރުގެ އޮޕަރޭޝަންގެ އެންމެ މުހިންމު އެއް ހަރަކާތް ކަމުގައިވާ ބައިނަލްއަގުވާމީ ޕްރެސް ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި 20ވަނަ ދުވަހު ދިވެހި ރާއްޖޭގައެވެ. މި ބްރީފިންގގައި، އެލަޔަންސްގައި ހިމެނޭ ހުރިހާ ގައުމުތަކުން ހާސިލުކުރި ޖުމުލަ ނަތީޖާތަކާއި، ހައްޔަރުކުރެވުނު މީހުންގެ އަދަދާއި، ފްރީޒްކުރެވުނު ފައިސާގެ ތަފާސްހިސާބުތައް މުޅި ދުނިޔެއަށް ހާމަކުރެވޭނެއެވެ." ފުލުހުން މިއަދު ބުންޏެވެ.