ޚަބަރު

2 އިންތިހާބު އެއްދުވަހެއްގައި ބާއްވަން ޢަދާލަތު ޕާޓީން ވެސް ތާއީދު

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީސް --

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން އަދާލަތު ޕާޓީން ވެސް ތާއީދުކޮށްފިއެވެ.

Ads by Allied

އަދާލަތު ޕާޓީން ބުނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނިންމި ނިންމުމަށް ތާއީދުކުރަން ނިންމީ، އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކޮށްގެން ކަމަށެވެ. އެއީ ގައުމާއި ރައްޔިތުންގެ މަސްލަހަތަށް ރިއާޔަތްކޮށްގެން ނިންމި ނިންމުމެއް ކަމަށްވެސް އެ ޕާޓީން ބުންޏެވެ.

ސަރުކާރު ހިންގާ ޕީއެންސީން ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަކުން އެގޮތަށް ފާސްކޮށްފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ އެކު ދެ އިންތިހާބު އެއްކޮށްލުމަށް ފެންނަ ނުފެންނަ ވޯޓު ނަގަން ނިންމަވާފައެވެ.

ސަރުކާރުގެ އެ ނިންމުމަށް އަދާލަތު ޕާޓީން ތާއީދުކޮށްފައިވާއިރު މީގެ ކުރިން އެމްޑީއޭ އަދި ޖުމްހޫރީ ޕާޓީ ވެސް ވަނީ ތާއީދުކޮށްފައެވެ.

ސަރުކާރުން ބުނަނީ އެގޮތަށް ބަދަލުކުރަން ނިންމީ، އިންތިހާބުތަކަށް ދާ ހަރަދުތައް ކުޑަކުރުމަށާއި ސިޔާސީ ހަމަޖެހުން ގެނައުމަށެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީން ބުނަނީ އެއީ އިންތިހާބުތައް ގަޑުބަޑުކޮށްލައި، ރައްޔިތުންގެ ބާރު ކަނޑުވާލުމަށް ކުރަން އުޅޭ ކަމެއް ކަމަށެވެ. އަދި އެއީ ޑިމޮކްރަސީއާ ވެސް ހިފާލު ކަމެއް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!