ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ތިބި މީހުންނަށް ޒަކާތުގެ ގޮތުގައި 6000ރ. ބަހައިފި
ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ތިބި މީހުންނަށް 1447ވަނަ އަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް 6000ރ.ބަހައިފިއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ބުނީ މިއީ މިހާތަނަށް ރާއްޖޭގައި ހަމަހަމަކޮށް ފިތުރު ޒަކާތް ބެހުމުގައި ބޮލަކަށް އެންމެ ގިނަ އަދަދަކަށް ފިތުރު ޒަކާތް ބެހި އަހަރު ކަމަށެވެ.
ޒަކާތް ލިބުނު ފަރާތްތަކުގެ ތެރޭގައި، ޒަކާތް ހައްގުވާ ކެޓެގަރީތަކުގެ ދަށުން ހިމެނުނު 62ފަގީރު ޔަތީމުން ވެސް ހިމެނޭ ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.
މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް ޖުމްލަ 14މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިހާތަނަށް ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނު އަހަރުކަން ވެސް ޒަކާތު ހައުސްއިން ފާހަގަކުރިއެވެ. އެ ފައިސާގެ ތެރެއިން ފަގީރުންނާއި މިސްކީނުންނަށް ބެހުމަށް ކަނޑައަޅާފައި ވަނީ 13.8މިލިއަން ރުފިޔާއެވެ.
މިއަހަރު 7އޮންލައިން ޕޯޓަލްއަކުން ފިތުރު ޒަކާތް ބަލައިގެންފައިވެއެވެ. އަދި އޮންލައިންކޮށް ޒަކާތް ދައްކަން އުނދަގޫ މީހުންނަށް ނަގުދު ފައިސާއިން ޒަކާތް ދެއްކޭނެ އިންތިޒާމްތައް ވެސް ވަނީ ހަމަޖައްސައިފައެވެ.