ކެމްޕޭންއަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ ތިނަދޫގައި
ކުރިއަށް އޮޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ކެމްޕޭންއަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ގދ. ތިނަދޫއަށް ވަޑައިގަންނަވައިފިއެވެ.
ވެރިކަން ކުރާ ޕީއެންސީގެ އެކްސް އެކައުންޓުން މިއަދު ކުރި ޕޯސްޓްތަކެއްގައި ވަނީ ސާޖިދާ ކެމްޕޭންގައި އުޅުއްވާ މަންޒަރުތައް ފެންނަ ފޮޓޯތަކެއް ވެސް ހިއްސާކޮށްފައެވެ.
އެގޮތުން ޕީއެންސީގެ ތިނަދޫ ސިޓީގެ ކެންޑިޑޭޓުންގެ، ދޮރުން ދޮރަށް ހަރަކާތުގައި ސާޖިދާ ބައިވެރިވެވަޑައިގެންނެވި ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
ސާޖިދާ ކެމްޕޭންއަށް އަތޮޅު ތެރެއަށް ވަޑައިގެންނެވި ނަމަވެސް ރައީސް މުއިއްޒު އަތޮޅު ތެރެއަށް ވަޑައެއް ނުގަންނަވައެވެ. އެމަނިކުފާނު މިދިޔަ ފެބްރުއަރީ މަހު ވިދާޅުވީ އިންތިހާބުތަކާ ދިމާކޮށް ރަށްރަށަށް ދިއުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށެވެ.
ނަމަވެސް މާލޭގައި ބޭއްވި ދޮރުން ދޮރަށް ކެމްޕޭން ހަރަކާތްތަކުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.
އިންތިހާބު ފެށުމުގެ ކުރިން ވެސް ޕީއެންސީއަށް ވަނީ 70ގޮނޑި ކާމިޔާބުކުރެވިފައެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.
ޕީއެންސީގެ އިސް ބޭފުޅުން ވިދާޅުވަމުންދާ ގޮތުން އެ އިންތިހާބު އެ ޕާޓީން ބޮޑުތަކުން ކާމިޔާބުކުރާނެއެވެ.