ޚަބަރު

މެންބަރުންނާއި ކައުންސިލަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދިނުމުގެ ވިސްނުން

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު--

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދޭ "ރިކޯލް ވޯޓު" ނެގޭ ގޮތް ހެދުމަށް ގާނޫނެއް ހެދުމުގެ ވިސްނުމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

Ads by PNC

ސަންގު ޓީވީން ރޭ ގެނެސްދިން "ރައީސް" ޕްރޮގްރާމުގައި އެމަނިކުފާނު ވިދާޅުވީ، އިސްލާހީ އެޖެންޑާގެ ދަށުން ހުށަހެޅުމަށް ބޭނުންވާ އިތުރު ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން، މަޖިލީސް މެންބަރުންނާއި ކައުންސިލަރުން، އެމީހުންގެ ދައުރުގެ ތެރޭގައި ރައްޔިތުން ބޭނުންވެއްޖެނަމަ ވަކިކުރެވޭނެ ގޮތަށް ރިކޯލް ވޯޓެއް ގާނޫނެއްގައި ކަނޑައެޅުމަކީ ގެންގުޅުއްވާ ވިސްނުންފުޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ ދައުރުގެ މެދުތެރެއިން މަޖިލިސް އިންތިހާބު ބާއްވާކަށް ނުޖެހޭނެ. ހަމަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވާފައި މެންބަރުން ހޮވަންވީ. ހޮވާފަ ދައުރުތެރޭގައި އެ ގާނޫނަށް ކަނޑައަޅާ ޝަރުތެއް ނޫނީ ކަމެއް އުނިވީ، އެހިސާބުން ރައްޔިތުންނަށް ފުރުސަތު އެބަ ލިބޭ އެ ގޮނޑިން [މެންބަރުން / ކައުންސިލަރުން] ބޭރުކުރަން،" ރައީސް ވިދާޅުވިއެވެ.

އޭގެ މާނައަކީ އެމަނިކުފާނު ވިދާޅުވިގޮތުގައި، މަޖިލިސް މެންބަރުން ނުވަތަ ކައުންސިލަރުންގެ ޕާފޯމަންސް ދަށްވެ، ނޫނީ ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަން އެމީހުންގެ ކިބައިން ދާ ހާލަތެއްގައި، ކަނޑައެޅިފައި އޮންނަ ގޮތަށް ޕެޓިޝަނެއް ހުށަހަޅައިގެން، ވަކި ޕަސެންޓެއްގެ ވޯޓު ހަމަކޮށް، އެ މެންބަރުން ވަކިކުރުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެން ދިއުމެވެ.

އެ ބަދަލާއެކު މަޖިލީހާއި ކައުންސިލްތަކާއި ސަރުކާރުންވެސް ހިންގާނީ ވަރަށް ހަރުދަނާކަމާއެކުގައި ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.