ޚަބަރު

ސްކޭމްކޮށްގެން ފައިސާ ހޯދި ބަޔަކު ހައްޔަރު ކޮށްފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ސްކޭމް މައްސަލައިގައި ފުލުހުން ހައްޔަރު ކުރި 3 މީހުން --

ސްކޭމް ކޮށްގެން މަކަރާ ހީލަތުން ފައިސާ ހޯދި މައްސަލަތަކަކާ ގުޅިގެން ފުލުހުން 3 މީހަކު ހައްޔަރު ކޮށްފިއެވެ.

Ads by Allied

މި މައްސަލަތަކާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ހދ. ހޯޑެއްދޫ، ފެހިވިނަމާގެ، އަޒުހީމް ސައީދު 36، އާއި ފުވައްމުލަކު ސިޓީ، ދޫޑިގަން، ގޯލްޑަންގޭޓް، އަލީ ޝަފާޒު 31، އަދި ސ. ހިތަދޫ، ކުޅިބަލާގެ، މުހައްމަދު ޖުނައިދު 47،އެވެ.

ފުލުހުން ބުނީ މި 3 މީހުންގެ ތެރެއިން އަޒުހީމަކީ ސޯޝަލް މީޑިއާ ހެކުކޮށް، އެހެން މީހެއްގެ ނަމުގައި އެކައުންޓެއް ހަދައި، މީހެއްގެ އަތުން މަކަރާ ހީލަތުން 3500 ރުފިޔާ ހޯދާފައިވާ މީހެއް ކަމަށެވެ.

އޭނާ ހައްޔަރު ކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އޭނާގެ ބަންދު މުއްދަތު ހަމަވާނީ އަންނަ މަހުގެ 27 ވަނަ ދުވަހުއެވެ.

އަލީ ޝަފާޒު ވެސް ހައްޔަރުކޮށްފައި ވަނީ ސޯޝަލް މީޑިއާ ހެކްކޮށްގެން މީހެއްގެ އަތުން 4500 ރުފިޔާ ހޯދި މައްސަލައެއްގައެވެ. އޭނާ ހައްޔަރު ކުރީ މިމަހުގެ 27 ވަނަ ދުވަހުއެވެ. އޭނާގެ ބަންދު މުއްދަތު ހަމަވާނީ އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ ޖުނައިދު ހައްޔަރުކޮށްފައި ވަނީ ޑޮލަރު ވިއްކާނެ ކަމަށް ބުނެ، މަކަރާ ހީލަތުން މީހެއްގެ އަތުން 29،987 ރުފިޔާ ހޯދި މައްސަލައިގައި ކަމަށެވެ. އެ މައްސަލައިގައި މިމަހުގެ 20 ވަނަ ދުވަހު އޭނާ ހައްޔަރުކޮށްފައިވާއިރު، ބަންދު މުއްދަތު ހަމަވާނީ އަންނަ މަހުގެ 5 ވަނަ ދުވަހުއެވެ.

މި 3 މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.