ޚަބަރު

ލޯފަން މީހުންނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކަށް ޝާހިދު މާފަށް އެދިވަޑައިގެންފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެމްޑީޕީން ބޭއްވި ޖަލްސާގައި ޝާހިދު ވާހަކަ ދައްކަވަނީ / ފޮޓޯ:އެމްޑީޕީ

ލޯފަން މީހުންނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކަށް އަމާޒުވި ފާޑުކިއުންތަކާ ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މާފަށް އެދިވަޑައިގެންފިއެވެ.

Ads by PNC

ޝާހިދު ލޯފަން މީހުންގެ ކަރާމާތަށް އުނިކަން އަންނާނެ ފަދައިން ވާހަކަ ދެއްކެވީ ‏އެމްޑީޕީން އިއްޔެ ތިނަދޫ ސިޓީގައި ބޭއްވި އިވެންޓެއްގެ ތެރެއިންއެވެ. އެގޮތުން މި ސަރުކާރަށް ފާޑުވިދާޅުވެ ޝާހިދު ވިދާޅުވީ، ރާއްޖޭގައި މިހާރު އޮތީ ކަނަކު އިޝާ ނަމާދަށް ދާހެން، މަގުމައްޗަށް ނުކުމެ ލާހޫރެމުންދާ ސަރުކާރެއް ކަމަށެވެ.

ޝާހިދުގެ ވާހަކަތަކާ ގުޅިގެން ލޯފަން މީހުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާގެ އިތުރުން ސޯޝަލް މިނިސްޓްރީންވެސް ވަނީ އެ ވާހަކަތައް ކުށްވެރިކޮށްފައެވެ.

އެ ފާޑުކިއުންތަކާ ގުޅިގެން ޝާހިދު އެކްސްގައި މިއަދު ވިދާޅުވީ އޭނާ އެމްޑީޕީގެ އިވެންޓުގައި ބޭނުންކުރި ދިވެހި ބަހުގެ މަޖާޒީ މިސާލު ބަހަކީ ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހުންގެ ކަރާމާތަށް އުނިކަމެއް ރައްދުކުރުމުގެ ނިޔަތުގައި ބޭނުންކުރި ބަހެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ދިވެހިބަހުގެ ޒަމާންވީ އެބަސް އަޅުގަނޑަށް ބޭނުންކުރެވިފައިވާތީ ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ އެންމެ ބޭފުޅުންގެ އަރިހުން މައާފަށް އެދޭކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

"އަދި ދިވެހި ބަސްފޮތުގައި ހުރެދާނެ މިފަދަ ހުރިހާ ބަސްބަހެއް އުނިކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލުމުގައި އެންމެބޭފުޅުން އަޅުގަނޑާއި ބައިވެރިވެވަޑައިގެން ދެއްވުމަށް އެދި ދަންނަވަމެވެ. އަދިވެސް އެއްފަހަރު ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ބޭފުޅުންނާއި އެ ބޭފުޅުންގެ ޢާއިލާތަކުގެ އަރިހުން ދީލަތި މައާފަކަށް އެދެމެވެ."ޝާހިދު ވިދާޅުވިއެވެ.

Ads by Allied Insurance