ޚަބަރު

ވަޠަނީ ޚިދުމަތުގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް އެދޭ ޒުވާނުންނަށް ފުރުޞަތު ހުޅުވާލައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ޤައުމުގެ ކުރިމަގު ބައްޓަންކުރުމަށާއި ޒުވާނުން ބާރުވެރިކުރުވުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިއަށްގެންދާ "ދިވެހި ވަޠަނީ ޚިދުމަތް" ޕްރޮގްރާމްގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

Ads by PNC

ޤައުމީ ދިފާއީ ބާރުން ބުނީ، މި ޕްރޮގުރާމުގައި ބައިވެރިވުމަށް އުމުރުން 16އަހަރާއި 28އަހަރާ ދެމެދުގެ ޒުވާނުން މި އެޕްރީލް މަހުގެ 5ވަނަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން ފޯމު ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި 18އަހަރު ނުފުރޭ ކުދިން ބައިވެރިކުރެވޭނީ ބެލެނިވެރިންގެ ލިޔުމަކާއެކުގައި ކަމަށް ވެސް ދިފާޢީ ވުޒާރާއިން މަޢުލޫމާތުދެއެވެ. ތިން މަސްދުވަހުގެ މުއްދަތަށް ޅ. މާފިލާފުށީގައި ކުރިއަށްގެންދާ މި ތަމްރީނު ބުރު ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މެއި މަހުގެ ފަހު ހަފުތާގައި ކަމަށް ދިފާއީ ބާރުން ބުނެއެވެ.

މި ޕްރޮގްރާމަށް ހޮވޭ ބައިވެރިންގެ ނަން ނޯޓުކުރެވޭ ދުވަހުން ފެށިގެން ޚާއްޞަ އިނާޔަތެއް ހަމަޖެހިގެންދާނެކަން އެ ވުޒާރާއިން ކަށަވަރުކޮށްދެއެވެ. އަދި އަސާސީ ތަމްރީނުތައް ފުރިހަމަކުރުމަށްފަހު، އެކި ރޮނގުރޮނގުން ފަންނީ ހުނަރުތައް ދަސްކޮށްދީ، ވަޒީފާގެ މައިދާނަށް ނުކުތުމުގެ މަގު ފަހިކޮށްދެވޭނެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، ރަނގަޅު އަޚުލާޤެއްގެ މަތީގައި ޤައުމަށް ފައިދާހުރި، އުފެއްދުންތެރި ޒުވާނުންތަކެއް ބިނާކުރުމަށް ފެއްޓެވި މުހިންމު ސިޔާސަތެކެވެ.

މިހާތަނަށް މި ޕްރޮގްރާމްގެ ކާމިޔާބު ބުރެއް ވަނީ ނިންމާލާފައެވެ. 2025ވަނަ އަހަރުގެ ސެޕްޓެމްބަރުން ޑިސެމްބަރަށް ކުރިއަށްދިޔަ ފުރަތަމަ ބުރުގައި 108ރަށަކުން 350ޒުވާނުން ބައިވެރިވިއިރު، އޭގެ ތެރެއިން 344ދަރިވަރަކު ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ. އަދި އޭގެ ތެރެއިން 66ދަރިވަރަކު މިހާރު ވެސް ދަނީ ފަންނީ ތަމްރީނުތައް ހާސިލުކުރަމުންނެވެ. މީގެ އިތުރުން، 112ރަށަކުން 350ދަރިވަރުންނާ އެކު ދެވަނަ ބުރުގެ ތަމްރީނުތައް ވެސް މިހާރު ދަނީ ކުރިއަށެވެ.

Ads by Allied Insurance