ޚަބަރު

ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ކޯޓާ އިންޑިއާއިން ބޮޑުތަނުން އިތުރުކޮށްދީފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ދިވެހި ސަރުކާރުގެ ޚާއްޞަ އެދިވަޑައިގަތުމަކަށް، މިއަހަރުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ އަސާސީ ކާބޯތަކެއްޗާއި އިމާރާތްކުރުމަށް ބޭނުންވާ ސާމާނުގެ ކޯޓާ ކުރިއަށްވުރެ ބޮޑުތަނުން އިތުރުކޮށްދިނުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

Ads by PNC

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖެއިން އެދުނު މިންވަރަށް އެއްވެސް އުނިކަމެއް ނުގެނެސް ހުރިހާ ބާވަތެއް ވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ކޯޓާ އިތުރުކޮށްދިން ބާވަތްތަކުގެ ތެރޭގައި ހަނޑޫ، ހަކުރު، ފުށް، މުގު، ފިޔާ، އަލުވި އަދި ބިހުގެ އިތުރުން ހިލަ އާއި ހިލަވެލި ހިމެނޭކަމަށް އެ ކޮމިޝަނުން މަޢުލޫމާތުދެއެވެ.

މިއީ 1981ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ވެވިފައިވާ ޚާއްޞަ ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، މިހާތަނަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް މުދާ ފޯރުކޮށްދިނުމަށް އިންޑިއާއިން ހުއްދަދިން ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން، އެހެން ގައުމުތަކަށް އެކްސްޕޯޓުކުރުން އިންޑިއާއިން މަނާކުރާ ޙާލަތްތަކުގައި ވެސް ރާއްޖެއަށް ބޭނުންވާ އަސާސީ ތަކެތި މެދުކެނޑުމެއްނެތި ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ހައިކޮމިޝަނުން ވަނީ ދީފައެވެ. އަދި އިންޑިއާގެ 'ނެއިބަރހުޑް ފަސްޓް' ސިޔާސަތުގެ ދަށުން، ދިވެހިރާއްޖޭގެ ތަރައްޤީއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮންނާނެކަން އެ ފަރާތުން ނެރުނު ބަޔާނުގައި ތަކުރާރުކޮށްފައިވެއެވެ.

Ads by Allied Insurance