ޖަލު ފޮށިތަކަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެ ޖަލަކަށް ވޯޓުލެވޭނެ: ކަރެކްޝަން
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، ޖަލުތަކުގައި ބަހައްޓާ ވޯޓު ފޮށިތަކަށް ރަޖިސްޓަރީވުމަށްފަހު މިނިވަންވެފައިވާ ފަރާތްތަކުގެ ވޯޓުލުމުގެ ޙައްޤު ކަށަވަރުކުރުމުގެ ގޮތުން، އެ މީހަކު ރަޖިސްޓަރީވެފައިވާ ޖަލަކަށް ގޮސް ވޯޓުލެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މަޢުލޫމާތު ދެއްވާ ގޮތުގައި، އެ މުއައްސަސާގެ ބެލުމުގެ ދަށުން ހިންގަމުންގެންދާ މަރުކަޒުތަކުގައި ވޯޓުލުމަށް ނަންނޯޓުކޮށްފައިވަނިކޮށް، ޖަލު ހުކުމްގެ މުއްދަތު ހަމަވެގެން ނުވަތަ ޕެރޯލްގެ އުޞޫލުން މުޖުތަމަޢަށް ނުކުމެފައިވާ މީހުންނަށް މި ފުރުޞަތު އޮންނާނެއެވެ.
އެހެންކަމުން، މިފަދަ ކޮންމެ ރައްޔިތަކު ވެސް އެމީހަކު ކުރިން ރަޖިސްޓަރީކުރި ކަރެކްޝަނަލް ފެސިލިޓީއަކަށް ހާޒިރުވުމުން، އެތަނެއްގައި ބަހައްޓާފައިވާ ފޮއްޓަށް ވޯޓުލުމުގެ ކަންކަން ފަހިވެފައިވާނެކަމަށް އެ އިދާރާއިން ކަށަވަރުކޮށްދެއެވެ.
އަންނަ ހޮނިހިރު ދުވަހުގެ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ޖަލުތަކުގައި ޖުމްލަ ފަސް ވޯޓުފޮށި ބެހެއްޓުމަށް ނިންމަވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކ. މާފުށީ ޖަލުގައި ބަހައްޓާ ދެ ފޮށްޓާއި، ކ. ހިންމަފުށީ އައްސޭރި ޖަލާއި، ހުޅުމާލޭ ޖަލުގެ އިތުރުން ދޫނިދޫގައި ބަހައްޓާ އެއް ފޮއްޓެވެ.