އައިރިސްގޭ އަލިފާނުގެ ހާދިސާ: އެ ގޭގައި ދިރިއުޅޭ ދެމަފިރިންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި
ރ. އަލިފުށީ "އައިރިސް" ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ އިމާރާތް އަލުން ބޭނުން ނުކުރެވޭ މިންވަރަށް އަނދައި އެ ގޭގައި ދިރިއުޅޭ ދެމަފިރިންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
ޤައުމީ ދިފާއީ ބާރުން ބުނީ، މި ހާދިސާގައި ހާލުގައި ޖެހުނު އާއިލާއަށް ބޭނުންވާ ޟަރޫރީ އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އަވަސް މަސައްކަތްތަކެއް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި އަލިފުށީ ކައުންސިލް ގުޅިގެން ކުރަމުންދާ ކަމަށެވެ.
މި ހާދިސާގައި މުޅި ގެ އެއްކޮށް އަނދައި ހުލިވެފައިވާ ކަމަށާއި މި އަލިފާނުގެ އަސަރު އައިރިސް ގޯއްޗާ އިންވެގެން ހުރި "ދޯޅަބުގެ" އަށްވެސް ކޮށްފައިވާ ކަމަށެވެ. އަދި އަލިފާނުގެ ގަދަ ހޫނުގެ ސަބަބުން ދޯޅަބުގޭގެ ފާރަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ނުވާކަމަށް ދިފާއީ ބާރުން މަޢުލޫމާތުދެއެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު އަދި ދެނެގަނެވިފައި ނުވާއިރު، ކަމާބެހޭ ފަރާތްތަކުން ދަނީ މި މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުންނެވެ.