ތިނަދޫ ސިޓީގެ ތާރީޚީ ފުރަތަމަ މޭޔަރުކަން އެމްޑީޕީގެ ސައުދު އަލީ ކާމިޔާބު ކުރައްވައިފި
ދިވެހިރާއްޖޭގެ އެންމެ ފަހުން އުފެއްދި ސިޓީ ކަމަށްވާ ތިނަދޫ ސިޓީގެ ފުރަތަމަ މޭޔަރުކަން، އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ކެންޑިޑޭޓް ސައުދު އަލީ ކާމިޔާބު ކުރައްވައި ތާރީޚުން ޖާގަ ހޯއްދަވައިފިއެވެ.
އާދިއްތަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ސައުދު އަލީ މޭޔަރުކަން ކާމިޔާބު ކުރެއްވީ 2,126 ވޯޓާ އެކު ޖުމްލަ ވޯޓުގެ %50.55 ހޯއްދަވައިގެންނެވެ. މިއީ ސަރުކާރު ހިންގާ ޕީއެންސީއާ ދެކޮޅަށް ތިނަދޫއިން ނެރުނު ވަރުގަދަ ނަތީޖާއެކެވެ.
މީގެ އިތުރުން ތިނަދޫ ސިޓީ ކައުންސިލްގެ މެޖޯރިޓީ ވެސް ވަނީ އެމްޑީޕީން ކަށަވަރުކޮށްފައެވެ. އޭގެ ތެރޭގައި އަޙްމަދު ޝިޔާޒް ނައީމް (%63.33)، މުޙައްމަދު ވިފާޤް ޙަސަން (%64.83) އަދި ނަސްރުﷲ ޢަލީ (%63.29) ހިމެނެއެވެ. މި ނަތީޖާއާ އެކު ތިނަދޫ ސިޓީގެ ހިންގުން ކުރިއަށް އޮތް ދައުރުގައި އޮންނާނީ އެމްޑީޕީގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައެވެ.
މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބަކީ ރާއްޖޭގެ ސިޔާސީ މަސްރަޙަށް އައި ބޮޑު ބަދަލެއް ފެނިގެންދިޔަ އިންތިޚާބެކެވެ. ޚާއްސަކޮށް، ބޮޑެތި ސިޓީތަކާއި އާބާދީ ބޮޑެތި ރަށްރަށުގެ ނަތީޖާ އިން ފެނިގެންދިޔައީ ސިޔާސީ މައި ދެ ޕާޓީގެ މެދުގައި އޮތް ވާދަވެރިކަން ވަރަށް ބޮޑަށް ހަމަހަމަވެފައިވާ ތަނެވެ.