ޚަބަރު

މާލޭގެ މަގުތަކުގައި ހަރުކުރި ނަންބޯޑުތަކުގެ އިމްލާ ކުށް ގިނަވެ، މޭޔަރު އާޒިމަށް ފާޑުކިޔުން

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މާލެ ސިޓީ ކައުންސިލުން ބޮޑު ހޭދައެއް ކޮށްގެން މާލޭގެ މަގުތަކުގައި ދާދި ފަހުން ހަރުކުރި މަގުތަކުގެ ނަން ބޯޑުތަކުގައި ބޮޑެތި އިމްލާ ކުށްތަކެއް ހުރުމުގެ ސަބަބުން، މޭޔަރު އާދަމް އާޒިމަށާއި ކައުންސިލްގެ އިދާރާއަށް އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

Ads by Allied

އާންމުންގެ ސަމާލުކަމަށް މި މައްސަލަ އައިސްފައިވާއިރު، މާލޭގެ ބައެއް މައި މަގުތަކުގެ ނަންތައް ލިޔެފައި ވަނީ މުޅިން ނުބައިކޮށެވެ. އެގޮތުން "ލޮނުޒިޔާރަތް މަގު" ގެ ބަދަލުގައި "ލޮނުޒިޔާރައިމަގު" ލިޔެފައިވާއިރު، "މާފަތްތަކުރުފާނު މަގު" ގެ ބަދަލުގައި ބޯޑުތަކުގައި ލިޔެފައި ވަނީ "މާފައިތަކުރުފާނުމަގު" ގެ ގޮތުގައެވެ. މިފަދަ ފާޅުކަން ބޮޑު ކުށްތަކާ އެކު ބޯޑުތައް ހަރުކުރުމުގެ ކުރިން އެއްވެސް ވަރަކަށް ޗެކްކޮށްފައި ނުވާކަމަށް އާންމުންދަނީ ބުނަމުންނެވެ.

ދައުލަތުގެ ބޮޑު ބަޖެޓަކުން ހަރަދުކޮށްގެން ނާގާބިލު ބަޔަކާ މިފަދަ މުހިންމު މަސައްކަތެއް ހަވާލުކޮށްފައިވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ ކުރީގެ ވެރިޔާ ޑރ. އަބްދުލްހަންނާނު ވަނީ މިއީ ދިވެހި ބަހަށް ކުރަފިއެރުވުމުގެ ހުތުރު އަމަލެއްގެ ގޮތުގައި ސިފަކުރައްވައި، ކައުންސިލްގައި ތަންދޮރު ދަންނަ ބަޔަކު ނެތީތޯ ސުވާލު އުފައްދަވާފައެވެ. މީގެ އިތުރުން، މަޝްހޫރު ބަހުގެ ތަޖުރިބާކާރު އިމާދު ލަތީފް ފަދަ ބޭފުޅުން ވެސް ވަނީ މި އަމަލު ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ.

ސިޓީ ކައުންސިލްގެ ހިންގުން މިހާ ދޯދިޔާވެފައިވާތީ އާންމުން ދަނީ މިކަމުގެ ޒިންމާ ނަގާނީ މޭޔަރު އާޒިމްތޯ ނުވަތަ މަސައްކަތްކުރި ބިދޭސީންތޯ ސުވާލުކުރަމުންނެވެ. އަދި ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، މިއީ ވަކި ބަޔަކަށް މާލީ މަންފާތަކެއް ހޯދައިދިނުމުގެ ނިޔަތުގައި ގަސްދުގައި ހިންގާފައިވާ ކަމަކަށް ވުން އެކަށީގެންވެއެވެ. މި ބޯޑުތައް އިސްލާހުކުރުމަށް އަނެއްކާވެސް ދައުލަތުގެ ފައިސާ ބޮޑުތަނުން އިސްރާފުވެގެންދާނެކަން ރައްޔިތުން ފާހަގަކުރެއެވެ.

Ads by Allied Insurance