ތެޔޮ ބޯޓުގައި ރޯވި އަލިފާން ކޮންޓްރޯލް ކޮށްފި
ފ. ފީއަލީގެ ތެޔޮ ޖެޓީގައި އޮތް ތެޔޮ ބޯޓެއްގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފިއެވެ.
މިއަދު ހެނދުނު ގާތްގަނޑަކަށް 9:30 ހާއިރު ހިނގި މި އަލިފާނުގެ ހާދިސާގައި އެ ބޯޓުގެ އިތުރުން 2 ދޯންޏަކަށާއި ދެ ޑިންގީއަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި އަލިފާނުގެ ހާދިސާގައި ތެޔޮ ބޯޓުގެ އިތުރުން ދެ ދޯންޏަކަށާއި ދެ ޑިންގީއަކަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައިވާ ކަމަށާއި އެ ސަރަހައްދުގައި ހުރި އައިސް ޕްލާންޓަށާއި ފިއުލް ޝެޑަށް ވެސް އަލިފާނުގެ އަސަރުކޮށް، އެތަނުގައި ވަނީ އަލިފާން ހިފާފައެވެ. އަދި ޑިސްޕެންސަރާއި ޝެޑުގެ ބައެއް ބައިތަކުގައި ވަނީ އަލިފާން ރޯވެފައި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި ހާދިސާގައި ތެޔޮ ބޯޓުގައި މަސައްކަތްކުރާ ބިދޭސީއަކު ފިހިގެން މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އެމްއެންޑީއެފުން ބުނީ މިއަދު ގާތްގަނޑަކަށް 10:35 ހާއިރު އަލިފާން ނިއްވާލެވިފައިވާ ކަމަށެވެ.