ޚަބަރު

ކައުންސިލްތަކަށް އަލަށް އިންތިޚާބުވި މެންބަރުން މެއި 17 ގައި ހުވާކުރާގޮތަށް ހަމަޖައްސައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ކައުންސިލްތަކަށް އިންތިޚާބުވި މެންބަރުން، މަގާމުގެ ހުވާކުރުން އަންނަ މެއި މަހުގެ 17ވަނަ ދުވަހު ބޭއްވުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅައިފިއެވެ.

Ads by Allied

އެލްޖީއޭއިން ބަޔާންކުރައްވާފައިވާ ގޮތުގައި، އައު މެންބަރުން މަގާމާ ހަވާލުވުމުގެ ރަސްމިއްޔާތު އެ ތާރީޚުގައި ބޭއްވުމަށް ނިންމީ، މިހާރު ތިބި ކައުންސިލަރުން 17 މެއި 2021 ގައި ހުވާކޮށްފައިވުމާ އެކު، އެ ފަރާތްތަކުގެ ގާނޫނީ ދައުރު އެ ދުވަހަށް ނިމުމަކަށް އަންނާނެތީއެވެ. މިއީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތާ އެއްގޮތްވާ ގޮތުގެ މަތިން ނިންމި ނިންމުމެކެވެ.

ކައުންސިލް އިންތިޚާބާ އެކު ކުރިއަށްދިޔަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކަށް ހޮވުނު މެންބަރުންނަށް ޚާއްސަ ހުވާކުރުމެއް ނޯންނާނެއެވެ. އޭގެ ބަދަލުގައި އެ ރަސްމިއްޔާތުގެ ތެރެއިން އެ މެންބަރުން ކުރިއަށް ގެންދާނީ މަގާމުގެ އިޤްރާރުގައި ސޮއިކުރުމުގެ ކަންކަމެވެ.

މިވަގުތު އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދަނީ އިންތިޚާބުގެ ދާއިމީ ނަތީޖާ ރަސްމީކޮށް އިޢުލާންކުރުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ. އީސީއިން މަޢުލޫމާތު ދީފައިވާ ގޮތުން ލޯކަލް ކައުންސިލް އިންތިޚާބެއްގައި އެންމެ ގިނަ ރައްޔިތުން ނިކުމެ ވޯޓުލާފައި ވަނީ މި އިންތިޚާބުގައެވެ.

Ads by Allied Insurance