ދިވެހި ސިނަމާ

ސިނަމާތަކުގައި ރޮއްވާލި "ލިލީ"މިފަހަރު ސީދާ ގޭގެ ސިޓިންގ ރޫމަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކްރިއޭޓިވް ނެޓްވޯކުން އުފައްދާފައިވާ ކާމިޔާބު ދިވެހި ސައިކޮލޮޖިކަލް ތްރިލަރ ފިލްމު "ލިލީ"އަންނަ އޭޕްރީލް މަހުގެ 16ވަނަ ދުވަހު މީޑިއަނެޓްގެ ވީޑިއޯކްލަބް މެދުވެރިކޮށް އެކްސްކްލޫސިވްކޮށް ސްޓްރީމްކުރަން ފަށަން ނިންމައިފިއެވެ. 

Ads by Allied

ފަހުގެ ތާރީޚެއްގައި އެންމެ ގިނަ ބަޔަކު އެ ފިލްމަކާ ބެހޭގޮތުން ވާހަކަދެއްކި މި ފިލްމު ވީޑިއޯކްލަބަށް އައުމާއެކު، ސިނަމާއިން ފިލްމު ބަލާލުމުގެ ފުރުޞަތު ނުލިބުނު ފަރާތްތަކަށާއި، ޚާއްޞަކޮށް އަތޮޅުތެރޭގައި ދިރިއުޅޭ ފަރާތްތަކަށް މި ފިލްމު ބަލާލުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

"ބައެއް ސިއްރުތަކަކީ ދުވަހަކުވެސް ފޮރުވިފައި އޮންނާނެ އެއްޗެއް ނޫން"މިއީ މުޖުތަމަޢު ދޫކޮށްލާ ލަކުނުތަކާ ބެހޭގޮތުން އުފައްދާފައިވާ މި ތްރިލަރގެ ޓެގްލައިންއެވެ. މި ފިލްމުން ކިޔައިދެނީ ކުޑައިރު ޖިންސީ ގޯނާ އާއި، ޖިސްމާނީ އަދި ނަފްސާނީ އެތައް އަނިޔާތަކެއް ތަޙައްމަލުކޮށްފައިވާ ޒުވާން އަންހެނެއް ކަމަށްވާ ލިލީ (އާއިޝާ ޢަލީ)ގެ ހިތްދަތި ވާހަކައެވެ. އާއިލާގެ ރައްކާތެރިކަމެއް ނެތި ބޮޑުވެ، މުޖުތަމަޢުން ބާކީކޮށްފައިވާ ލިލީގެ ހަމައެކަނި އުންމީދަކީ އޭނާގެ ކުޑައިރުގެ ދެ ރަޙުމަތްތެރިންނެވެ. ނަމަވެސް އޭނާ ނިންމާ ނިންމުމެއްގެ ސަބަބުން މުޅި މުޖުތަމަޢު އޭނާއާ ދެކޮޅުވެ، ރަޙުމަތްތެރިންނާއި ދުޝްމަނުންގެ ފަރަޤު ގެއްލިގެންދެއެވެ. މިއީ ލިލީ ސަލާމަތްވުމަށް ކުރާ މަސައްކަތާއި، ބޭވަފާތެރިވުމާއި، އަދި މުޖުތަމަޢުން އަޅާނުލާ ދޫކޮށްލާ މީހުންނަށް ދޭ އަނިޔާގެ މައްޗަށް ވަރަށް ފުރިހަމައަށް ބިނާކޮށްފައިވާ ވާހަކައެކެވެ.

ކްރިއޭޓިވް ނެޓްވޯކްގެ ބެނާގެ ދަށުން މުހައްމަދު އަރީހް ޕްރޮޑިއުސްކުރި މި ފިލްމުގެ ސްކްރީންޕްލޭ ލިޔެ ޑައިރެކްޓް ކުރީ އަޒްހާން އިބްރާހިމެވެ. ފިލްމުގެ މައިގަނޑު ތަރިންނަކީ އައިޝާ އަލީ، އަހުމަދު ޝަރީފް، އަދި މުހައްމަދު އިޝްފާން އެވެ. މީގެ އިތުރުން މަރިޔަމް ޝީމާ، އަހުމަދު ނިމާލް، މަރިޔަމް ހަލީމް، އަލީ ފާރޫގް ފަދަ ތަޖުރިބާކާރު ތަރިންނާއި، އަލަށް ތަޢާރަފްވި އެލީޝާ ސަނީމް އަދި ހަދީޖާ އަބޫބަކުރުވެސް މި ފިލްމުން ފެނިގެންދާނެއެވެ.

ފިލްމުގެ ސިނަމަޓޮގްރަފީ ސަމާހް އިބްރާހިމް ހަދާފައިވާއިރު، އެޑިޓިންގް އަދި ކަލާ ގްރޭޑިންގްގެ މަސައްކަތް ކޮށްފައިވަނީ ޑައިރެކްޓަރު އަޒްހާން އަމިއްލައަށެވެ. މިއުޒިކް ތައްޔާރުކުރީ ހުސައިން ތައުފީގެވެ. ފިލްމުގެ ލަވަތަކުގެ ރާގާއި ޅެން މުހައްމަދު އަބްދުލް ޣަނީ (ތޭރަ)ހަދާފައިވާއިރު، ލަވަތައް ކިޔައިދީފައިވަނީ ތޭރަ، މަރިޔަމް އަޝްފާ، ޝަލަބީ އިބްރާހިމް އަދި އާމިނަތު ލައިޝާ ހިލްމީއެވެ.

ނޮވެމްބަރު 2025ގައި އޮލިމްޕަސް ސިނަމާގައި ޕްރިމިއަރ ކުރި މި ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުޙީބެއް ލިބިފައިވެއެވެ. އަދި ރާއްޖޭގެ މީޑިއާތަކުންވެސް މި ފިލްމަށް ފުޅާ ދާއިރާއެއްގައި ކަވަރޭޖް ދީފައިވެއެވެ. "ލިލީ"އަކީ ކުޑަކުދިންނަށް ކުރާ އަނިޔާ އާއި ގެވެށި އަނިޔާ ފަދަ ދިވެހި ފިލްމުތަކުގައި އާންމުކޮށް ނުފެންނަ ހައްސާސް މައްސަލަތަކެއް އެއްވެސް ފަސްޖެހުމެއްނެތި ސީދާގޮތެއްގައި ގެނެސްދީފައިވާ ތަފާތު އުފެއްދުމެކެވެ. މިއީ ތްރިލަރ ޖެންރާގެ ތެރެއިން މުޖުތަމަޢުގެ މިފަދަ ބޮޑެތި މައްސަލަތަކާ ކުރިމަތިލުމަށް ކްރިއޭޓިވް ނެޓްވޯކުން އެޅި ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ބެލުންތެރިންނަށް އަންނަ އޭޕްރީލް 16އިން ފެށިގެން https://mm.medianet.mv މެދުވެރިކޮށް މި ފިލްމު ސްޓްރީމް ކުރެވޭނެއެވެ.

Ads by Allied Insurance