އެމްޑީޕީ ވެރިކަމުގައި 84.4 މިލިއަން ޚަރަދުކޮށް ތަރައްޤީ ކުރި އަމީނީ މަގު ހަލާކުވެ، މަގުގެ ހުޅަނގުކޮޅުގައި އަލުން ތާރުއަޅަން ފަށަނީ
މާލޭގެ އަމީނީ މަގުގެ ހުޅަނގުކޮޅު ވަރަށް ބޮޑަށް ހަލާކުވެ، ދުއްވާ އުޅަނދުތަކަށް ދަތިތަކާ ކުރިމަތިވަމުންދާތީ، އެ ސަރަޙައްދުގެ ކުރީގެ ތާރުގަނޑު ނަގައި އަލުން ތާރުއެޅުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ފެށުމަށް ނިންމައިފިއެވެ.
ދައުލަތުގެ މީޑިއާ (ޕީއެސްއެމް ނިއުސް)ގައި ވާހަކަދައްކަވަމުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމް ހާމަކުރެއްވި ގޮތުގައި، ޣިޔާސުއްދީން ސްކޫލުން ފެށިގެން ހުޅަނގަށް އޮތް ބައި އަލުން ހެދުމަށްޓަކައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއާ އެކު މިހާރު ވަނީ މަޝްވަރާކުރެވިފައެވެ. އަދި މި މަސައްކަތް ފެންވަރު ރަނގަޅުކޮށް، ފަންނީ މިންގަނޑުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމުގެ ގޮތުން، ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ރޯޑް އިންޖިނިއަރެއް ގެނައުމަށް ހަމަޖެހިފައިވާކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. މިއީ މިވަގުތު މާލެތެރޭގައި އެ ކުންފުނިން ހިންގާނެ އެންމެ ބޮޑު އެއް މަޝްރޫޢުކަމަށް ނަޒީމް ސިފަކުރެއްވިއެވެ.
ނިމިދިޔަ ސަރުކާރުން 84.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހެދި 1.79 ކިލޯމީޓަރުގެ އަމީނީ މަގުގެ އެންމެ ފަހުގެ ސެގްމަންޓްތައް (11 އަދި 12) ހުޅުވާލާފައި ވަނީ 2023ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. ނަމަވެސް ތާރުގަނޑު އެއްކޮށް ނުހިކެނީސް އާންމު ދަތުރުފަތުރަށް މަގު ހުޅުވާލުމުގެ ސަބަބުން، ކުރު މުއްދަތެއްގެ ތެރޭގައި ތާރުގަނޑު ފަޅައިގެންގޮސް ވަރަށް ބޮޑަށް ވަނީ އަޑިގުޑަންވެފައެވެ. މީގެ ކުރިންވެސް މާފަންނު ސްޓޭޑިއަމް ކައިރިން ބައެއް މަރާމާތުކޮށްފައިވީ ނަމަވެސް، މަގުގެ ހާލަތު އޮތީ އާންމުންނަށް ވަރަށް ބޮޑަށް އުނދަގޫވާ ދަރަޖައެއްގައެވެ. އެ މަޝްރޫޢު ރަސްމީކޮށް މުޅިން ނިންމާލާފައި ވަނީ 2024ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ.