ޚަބަރު

ފޭސް ދޭކުން ކަރަންޓު ކެނޑިގެން އުޅެނީ މައި އެއް ކޭބަލްއަކަށް ގެއްލުން ވެގެން: ސްޓެލްކޯ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހުޅުމާލެ ފޭސް ދޭއް - ފޮޓޯ:އެޗްޑީސީ

ހުޅުމާލޭގެ ފޭސް ދޭކުން ކަރަންޓު ކެނޑިގެން އުޅެނީ މައި އެއް ކޭބަލްއަކަށް ގެއްލުން ވެގެންކަމަށް ސްޓެލްކޯއިން މިރޭ ބުނެފި އެވެ.

Ads by Allied

ހުޅުމާލޭގެ ފޭސް ދޭއްގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑުނީ މިއަދު ހަވީރު ވާން އުޅެނިކޮށެވެ. ނަމަވެސް އަދި ވެސް ކަރަންޓުގެ މައްސަލަ ހައްލެއް ނުވެއެވެ.

ސްޓެލްކޯއިން ބުނީ  ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވީ، ދެވަނަ ފިޔަވައްސަށް ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ މައި ހަތަރު ކޭބަލްގެ ތެރެއިން އެއް ކޭބަލަށް ގެއްލުންވުމާ ގުޅިގެން ކަމަށެވެ.، އެ ކޭބަލަށް ގެއްލުން ލިބިފައިވަނީ ކޮނުމުގެ މަސައްކަތެއްގެ ތެރެއިން ކަމަށް ބެލެވޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މިވަގުތު ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގައާއި ލޯޑު ހުރިގޮތުން، ބާކީ ހުރި ތިން ކޭބަލް މެދުވެރިކޮށް މުޅި ދެވަނަ ފިޔަވައްސަށް ފުރިހަމައަށް ކަރަންޓު ފޯރުކޮށްދިނުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

އެހެންވެ އެ މައްސަލަ ހައްލުކުރުމަށް ސްޓެލްކޯގެ ޓެކްނިކަލް ޓީމުން މިހާރު  ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ދިނެވެ.

"އެގޮތުން، ހިދުމަތް މެދުކެނޑިފައިވާ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދިނުމަށްޓަކައި، އެ ކޭބަލްގެ ލޯޑު ބާކީ ހުރި ތިން ކޭބަލަށް ބަހާލުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން." ސްޓެލްކޯއިން ބުންޏެވެ.

ހިޔާ ޓަވަރުތައް ހުންނަ ފޭސް ދޭއްގައި އެތައް ހާސް ބަޔަކު ދިރިއުޅެމުންދާ އިރު ކަރަންޓު ކެނޑުމުން ގިނަ ބަޔަަކަށް ވަނީ ވަރަށް ބޮޑަށް ދަތިތައް ކުރިމަތިވެފަ އެވެ.

Ads by Allied Insurance