ޚަބަރު

އަޅުގަނޑާއި ސަރުކާރާ ގުޅުމެއް ނެތް - ރައީސް ނަޝީދު

އައިޝަތު ރަފާ ، ދެން އޮންލައިން
މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރަށް ތާޢީދު ކުރެއްވި ނަމަވެސް، ސަރުކާރާއި އެއްވެސް ގުޅުމެއް ނެތްކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް ނަޝީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޗައިނާ އާއި ރާއްޖެއާ ދެމެދު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުން ނެތް ކަމަށް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަނީ ސަރުކާރުގެ ފަރާތުންތޯ ނުވަތަ އަމިއްލަ ހައިސިއްޔަތުންތޯ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލުގެ ޖަވާބުގައެވެ.

މާވަށު ދާއިރާގެ މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނާއި، ސަރުކާރާއި ދެމެދު "އެއްވެސް ގުޅުމެއް ނެތް" ކަމަށެވެ.

"އަޅުގަނޑު މަދަދު ދާރުވާ، އަޅުގަނޑު ތާއީދު ކުރާ ސަރުކާރެއް މިއަދު މި ރާއްޖޭގައި އޮތީ، ސަރުކާރު ހިންގާ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރެއް އަޅުގަނޑަކީ، އެ ނޫން ގޮތަކަށް ސަރުކާރާ ގުޅުމެއް ނެތް، އަޅުގަނޑަކީ ސަރުކާރުގެ ބައިވެރިއެއް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށާއި، އަދި އެހެންކަމުން، އެމަނިކުފާނަކީ ސަރުކާރު ހިންގުމުގެ ބައިވެރިއެއް ނޫން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު މިހެން ވިދާޅުވި ނަމަވެސް، މީގެ ކުރިން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވަނީ ސަރުކާރު ހިންގާނީ ކޯލިޝަންގެ ލީޑަރުންގެ މަޝްވަރާއާ އެކު ކަމަށް ވިދާޅުވެފައެވެ. ސަރުކާރު ކޯލިޝަންގެ ލީޑަރުންގެ ތެރޭގައި ރައީސް ނަޝީދު ވެސް ހިމެނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!