މެދުއިރުމަތީގެ މައްސަލަތައް މަޝްވަރާއިން ހައްލުކުރުމަށް މަޖިލީހުގެ ރައީސް ގޮވާލައްވައިފި
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ވާހަކަދައްކައިގެން ސުލްހަވެރި ނިމުމެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފިއެވެ.
ތުރުކީވިލާތުގެ އިސްތަންބޫލްގައި ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ޔުނިއަން (އައިޕީޔޫ) ގެ 152ވަނަ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި ނާމް ޕާލަމެންޓްރީ ނެޓްވޯކުގެ 5ވަނަ ކޮންފަރެންސްގައި ތަޤުރީރުކުރައްވަމުން އެ މަނިކުފާނުގެ ތަޤުރީރުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ، މެދުއިރުމަތީގެ ސަރަޙައްދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން މުޅި ދުނިޔެއަށް ކުރިމަތިވަމުންދާ އިންސާނީ އަދި މާލީ ބޮޑެތި ގެއްލުންތަކަށެވެ. އެހެންކަމުން، މި ހަމަނުޖެހުންތަކަށް އޮތް ހަމައެކަނި ފަރުވާއަކީ ސުލްހައިގެ މޭޒުދޮށަށް އައިސް، މަޝްވަރާކޮށްގެން ދާއިމީ ހައްލެއް ހޯދުންކަމުގައި މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮންނަ ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމީ ގޮންޖެހުންތަކުގެ ބިރުވެރިކަން އޮތް މިންވަރު ހާމަކުރެއްވިއެވެ. ރަށްގިރުމާއި، ކަނޑުގެ ލޮނުގަނޑު އުސްވުމުގެ އިތުރުން އާދަޔާޚިލާފަށް ފެންބޮޑުވުން ފަދަ ކާރިސާތަކުން ސަލާމަތްވުމަށްޓަކައި ދެމެހެއްޓެނިވި ހަރުދަނާ ފިޔަވަޅުތަކެއް އެޅުން މިހާރުން މިހާރަށް ވެސް މަޖުބޫރުވެފައިވާކަން އެމަނިކުފާނު ސާފުކޮށްދެއްވިއެވެ.
ޤާނޫނު ހަދާ މަޖިލިސްތަކުގެ ޒިންމާތަކަށް އިޝާރާތްކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، ދައުލަތުގެ ސިޔާސަތުތައް އެކުލަވާލުމުގައާއި ބަޖެޓު ފާސްކުރުމުގައި ތިމާވެށީގެ ރައްކާތެރިކަމަށް ޚާއްޞަ އިސްކަމެއް ދޭންޖެހޭ ކަމަށެވެ. އަދި ޤައުމީ ފެންވަރުގައި ތަރައްޤީގެ މަޝްރޫޢުތައް ރާވާއިރު، ފެނާއި ނަރުދަމާ، ބޯހިޔާވަހިކަން، ކުނި ނައްތާލުން އަދި ހަކަތައިގެ ދާއިރާއިން ކުރާ އިންވެސްޓްމަންޓްތަކަކީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި މަޝްރޫޢުތަކަކަށް ހެދުމަށް ސަރުކާރުތައް ޖަވާބުދާރީކުރުވުމަކީ މަޖިލިސްތަކުގެ މައްޗަށް ލާޒިމުކަމެއް ކަމުގައި ވިދާޅުވިއެވެ. މިކަން ކަށަވަރުކުރުމަށްޓަކައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތިމާވެއްޓަށް ޚާއްޞަ ކޮމިޓީއެއް އުފައްދަވައިގެން މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތަޤުރީރު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ ބައިނަލްއަޤްވާމީ މަސައްކަތްތަކުގައި، ދުނިޔޭގެ އެހެން ޤައުމުތަކުގެ ޕާލަމެންޓްތަކާ ގުޅިގެން ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.