ވިނަރެސް ފްލެޓް ސަރަޙައްދުގައި ބިނާކުރާ މިސްކިތުގެ 60 އިންސައްތަ ނިންމައިފި
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންގެ އާބާދީ އިތުރުވަމުންދާތީ އެކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ވިނަރެސް ފްލެޓްތައް ހިމެނޭ ސަރަޙައްދުގައި ބިނާކުރާ 1،095 މީހުންގެ ޖާގައިގެ މިސްކިތުގެ 60 އިންސައްތަ މަސައްކަތް ނިންމާލާފައިވާކަން އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މީސްމީޑިއާ 'އެކްސް' ގައި އެ ވުޒާރާއިން އާންމުކުރި މަޢުލޫމާތުތަކަށް ބަލާއިރު، މި ޕްރޮޖެކްޓުގެ ބޮޑުބައެއް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާ ނިސްބަތް ހަލުވިކަމާ އެކު މައްޗަށް ދަމުން އަންނައިރު، މިވަގުތު އެ ސަރަޙައްދުގައި ޢާންމުން ނަމާދުކުރުމަށްޓަކައި ދާއިމީ ގޮތެއްގައި ބިނާކޮށްފައިވާ ތިން މިސްކިތަކާއި، ވަގުތީ ދެ މިސްކިތެއް ދަނީ ބޭނުންކުރަމުންނެވެ.
މީގެ އިތުރުން، މިއަހަރުގެ ބަޖެޓުގެ ތެރެއިން އަތޮޅުތެރޭގެ 10 ރަށެއްގައި އިސްލާމީ މަރުކަޒުތައް ބިނާކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އޮތީ ތައްޔާރުވެފައެވެ. އަދި ހަމައެހެންމެ، މާލެ ސަރަޙައްދުގައި ހުރި ބާވެފައިވާ މިސްކިތްތައް ތަޅާލުމަށްފަހު، ޒަމާނީ ފެންވަރުގެ އާ މިސްކިތްތައް އިމާރާތްކުރުމުގެ ޚާއްޞަ މަޝްރޫޢުތަކެއް ވެސް ސަރުކާރުން ދަނީ ހިންގަމުންނެވެ.