ރާއްޖެއަށް އައު އެއާލައިންތަކެއްގެ އުދުހުންތައް ފެށުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފި
ޗައިނާގެ ޒިއާން ސިޓީގައި ބޭއްވި ރޫޓްސް އޭޝިއާ 2026ފޯރަމްގެ ތެރެއިން، ދުނިޔޭގެ ނަންމަޝްހޫރު ބޮޑެތި އެއާލައިންތަކަކުން ދިވެހިރާއްޖެއަށް ސީދާ ދަތުރުތައް ފެށުމާ ގުޅޭގޮތުން އިންޓަރނޭޝަނަލް ހަލާލް ޓޫރިޒަމް އޯގަނައިޒޭޝަން (އައިއެޗްޓީއޯ)އާއެކު ކާމިޔާބު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.
އައިއެޗްޓީއޯ އިން ހާމަކުރި ގޮތުގައި މި ބައްދަލުވުންތަކުގައި ރިޔާދު އެއާ، ސެބޫ ޕެސިފިކް އަދި ވިއެޓްނާމް އެއާލައިންސްގެ އިތުރުން ޗައިނާގެ އެންމެ ކުރިއަރާފައިވާ ބައެއް ވައިގެ ކުންފުނިތަކާއެކު ވަރަށް އުފެއްދުންތެރި ވާހަކަތަކެއް ވަނީ ދެކެވިފައެވެ. މި ފޯރަމްގެ ތެރެއިން ބޭއްވުނު މަޝްވަރާތަކުގައި ބައިވެރިވި ގިނަ އެއާލައިންތަކަކުން ވަނީ، ކުރިއަށް އޮތް ތަނުގައި ދިވެހިރާއްޖެއަށް ދަތުރުތައް ފުޅާކުރުމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.
އޭޝިއާ ސަރަޙައްދުގެ އޭވިއޭޝަން ދާއިރާގެ އިސްފަރާތްތައް އެއްތަންވި ރޫޓްސް އޭޝިއާގައި، ދިވެހިރާއްޖެ ޕްރޮމޯޓުކޮށްފައިވަނީ އިންޑިއާ ކަނޑުގައި އެންމެ ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން އަންނަ އޭވިއޭޝަން މާކެޓުގެ ގޮތުގައާއި ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައެވެ.