ޖާބިރު ޕީއެންސީއަށް ސޮއިކުރައްވައިފި
ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު ވެރިކަންކުރާ ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.
"ދެން"އަށް އެނގިފައިވާ ގޮތުން ޖާބިރު ޕީއެންސީއަށް ސޮއިކުރައްވައި ފޯމު ހުށަހެޅީ މިއަދުއެވެ.
ޖާބިރު ނިމިގެން ދިޔަ 19ވަނަ މަޖިލީހަށް އިންތިހާބުވެ ވަޑައިގެންނެވީ އަމިއްލަ މެމްބަރެއްގެ ގޮތުގައެވެ. ނަމަވެސް 2023ވަނަ އަހަރު އެމްޑީޕީއަށް ސޮއިކުރެއްވިއެވެ.
ނަމަވެސް އެމްޑީޕީގެ ވެރިކަން ނިމުނު ފަހުން ޖާބިރު އެމްޑީޕީގެ ހަރަކާތްތަކުން ދުރުވެ ކުރީގެ ސަރުކާރުގެ ސިޔާސަތުތަކަށް ދިޔައީ ފާޑު ވިދާޅުވަމުންނެވެ. އަދި ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގައި އަނެއްކާވެސް ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ. ނަމަވެސް ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބެއް ނުކުރެވުނެވެ.
އޭގެ ފަހުން ޖާބިރު ފެންނަމުން ދިޔައީ މި ސަރުކާރުގެ ސިޔާސަތުތަކަށް ތައުރީފްކުރައްވަމުން ގެންދަވާ މަންޒަރެވެ.
ޖާބިރު ވަނީ ނިމިގެން ލޯކަލް ކައުންސިލްގެ އިންތިހާބުގައި ޕީއެންސީގެ ކެމްޕޭން ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.