ވާނުވާގެ މައްސަލަ ހައްލުކުރަން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ދަނީ ފެންނަމުން: މިނިސްޓަރު
އެކި މައްސަލަތަކުގައި ބަންދުކޮށް ވާނުވާ ޖަހާފައި ތިބޭ މީހުންގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ވާނުވާ ބަންދުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ވާނުވާ މައްސަލައަށް ހައްލު ހޯދުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށާއި ހާއްސަކޮށް ކްރިމިނަލް ކޯޓުގައި ހުއްޓިފައި ހުރި މައްސަލަތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.
"ކުރީގަ ދުވަސް ވެފައި ހުރި މައްސަލަތައް މިހާރު ކުރިއަށް އެބަދޭ. އެެހެންނަމަވެސް އަޅުގަނޑުމެން އުންމީދު ކުރި ދުވަހަށް އަދި ހުރިހާ މައްސަލަތަކެއް ކުރިއަކަށްނުދޭ. ނަމަވެސް މިދާ ޕްރޮގްރެސްގަ ދާނަމަ އިރާދަކުރެއްވިއްޔާ ހުރިހާ މައްސަލައެއް ވަރަށް އަވަހަށް ނިންމާލެވޭނެ."މިނިސްޓަރު ވިދާޅުވިއެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން، ކޯޓުން ކަނޑައަޅާ ޝަރުޠުތަކާއެކު ބަންދަށް ލުއި ދެވިދާނެކަމަށް ފެންނަ މީހުންގެ ބަންދު މުރާޖާކޮށް، ބަންދަށް ލުއި ދިނުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުންވެސް ވަނީ މިދިޔަ އަހަރުގެ މޭ މަހުގެ 21ވަނަ ދުވަހު ބުނެފައިވެއެވެ.
އޭގެ އިތުރުން "ވާނުވާ ބަންދު"ގައި ތިބި މީހުންގެ ތެރެއިން މަދުވެގެން ތިން ބައިކުޅަ އެއްބައި މީހުންނަކީ ޓެގް އަޅުވާފައި ދޫކޮށްލެވިދާނެ ބައެއްތޯ ބެލުމަށް، ގުޅުންހުރި އިދާރާތަތަކާއި ހަވާލުކުރައްވާފައިވާ ކަމަށް ރައީސް މުއިއްޒު ވެސް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.
"ވާނުވާ" ނުވަތަ ރިމާންޑް ބަންދުގައި ތިބީ ޖުމުލަ 408މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ޓެރެރިޒަމްގެ ދަޢުވާކޮށްފައިވާ 20މީހުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުޙުމަތުގައި ދަޢުވާކޮށްފައިވާ 117މީހުންނާއި ގިނަ އަދަދެއްގެ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތަކުގައި ދަޢުވާކޮށްފައިވާ 116މީހުންނާއި މަރުގެ މައްސަލަތަކުގައި ދަޢުވާކޮށްފައިވާ 29މީހުންނާއި އެހެނިހެން އަނިޔާވެރި ބޮޑެތި މައްސަލަތަކުގައި ދަޢުވާކޮށްފައިވާ 126މީހުންނެވެ.