ޓެޓޫ ޖެހުން، ބުމަ ހެދުން، ލޭޒަރ ފަދަ ފަރުވާތައް ހޯދުން، ވެކްސްކުރުމަށް ސެލޫންތަކަށް ގޮސް، ހިލޭ މީހުންގެ ކުރިމަތީގައި އައުރަ ހާމަކުރުން ޙަރާމް: ޚުޠުބާ
ޓެޓޫ ޖެހުމާއި ބުމަ ހެދުމާއި ލޭޒަރ ފަދަ ފަރުވާތައް ހޯދުމާއި ވެކްސްކުރުމަށް ސެލޫންތަކަށް ގޮސް، ހިލޭ މީހުންގެ ކުރިމަތީގައި އައުރަ ހާމަކުރުމަކީ އިސްލާމްދީނުގައި ޙަރާމްކަމެއްކަން މިއަދުގެ ޚުޠުބާގައި ހާމަކޮށްދެއްވައިފިއެވެ.
މުސްލިމެއްގެ ޙަޔާތުގެ އެންމެ މުހިންމު އެއް އަސާސަކީ ސާފުތާހިރުކަންކަން ފާހަގަކުރައްވައި ޚުޠުބާގައި ބަޔާންކުރީ، ނަމާދުކުރުމަށާއި ކީރިތި ޤުރްއާން ކިޔެވުމަށް ވެސް ޠާހިރުވުން ލާޒިމުކުރާ ކަމަށެވެ. އަދި އަމިއްލަ ހަށިގަނޑާއި، ލައިއުޅޭ ފޭރާމުގެ އިތުރުން ދިރިއުޅޭ މާޙައުލު ސާފުކޮށް ބެހެއްޓުމަކީ މާތްﷲ ރުހިވޮޑިގަންނަވާ މަތިވެރި އަޅުކަމެއްކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް، ހިތް ނުބައިކޮށް ބާއްވައިގެން ހަމައެކަނި ބޭރުފުށް ރީތިކުރުމަކީ އެތެރެ ގޮނޑަކަށް އޮންނަ، ބޭރުފުށް ޒީނަތްތެރިކޮށްފައިވާ ގަނޑުވަރެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
ޒަމާނީ ކުރިއެރުންތަކާ އެކު ރީތިވުމުގެ ނަމުގައި ބައެއް ފަރާތްތަކުން ދީނީ ހުދޫދުން ބޭރުވަމުންދާކަން ޚުޠުބާގައި ވަނީ ކަންބޮޑުވުމާ އެކު ފާހަގަކޮށްފައެވެ.
"ލޭޒަރ ފަދަ ފަރުވާތައް ހޯދުމަށާއި ވެކްސްކުރުމަށް ސެލޫންތަކަށް ގޮސް، ހިލޭ މީހުންގެ ކުރިމަތީގައި ޢައުރަ ހާމަކުރުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ ކަމެއް. މީގެ އިތުރުން، ޓެޓޫ ޖެހުމާއި ބުމަ ތުނިކުރުން ފަދަ، މާތް ﷲ އުފެއްދެވި ސިފަ ބަދަލުކުރުމުގެ ޢަމަލުތަކަކީ އެކަލާނގެ ލަޢުނަތް ހުރި ކަންކަން:" ޚުޠުބާގައި ވަނީ ހަނދާންކޮށްދެއްވާފައެވެ.
ހެދުން އެޅުމުގެ މިންގަނޑުތަކަށް އަލިއަޅުވައިލަމުން، ބުރުގާ އެޅުމުގެ ހަގީގީ ބޭނުމަކީ ޢައުރަ ނިވާކުރުންކަން ޚުޠުބާގައި ހާމަކުރިއެވެ. ކަންފަތާއި ކަރު ފެންނަ ގޮތަށް ބުރުގާ އެޅުމާއި، ހަށިގަނޑުގެ ވަނާތައް ހާމަވާފަދަ ބާރު ހެދުންލުމަކީ ޖާހިލީ ޒަމާނުގެ އާދަތަކެއްކަމަށް ވިދާޅުވިއެވެ. ހަމައެއާ އެކު، ފިރިހެނުން ވެސް ކުޅިވަރު ކުޅޭއިރުގައާއި އާންމު ދިރިއުޅުމުގައި ޢައުރަ ނިވާކުރުމަށް ވަނީ ގޮވާލާފައެވެ. އަދި ނަމާދުގެ ރުކުންތައް އަދާކުރާއިރު ޢައުރަ ހާމަވާފަދަ ހެދުމެއްގައި ހުރުމަކީ ނަމާދު ބާޠިލުވާނެ ކަމެއްކަން ވެސް ފާހަގަކުރިއެވެ.
މީސްތަކުން އެއްވެ އުޅޭ ތަންތަނާއި މިސްކިތްތަކުގެ ޖަމާޢަތަށް ޙާޟިރުވާއިރު، އެހެން މީހުންނަށާއި މަލާއިކަތުންނަށް އުނދަގޫވާ ފަދަ ވަސްވަސް ގައިން ނުދުވުމަށް ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. ޚާއްޞަކޮށް ދުންފަތުގެ އިސްތިޢުމާލު ކުރުމަށްފަހު ނުވަތަ ދާހިއްލާފައިވާ ޙާލަތުގައި މިފަދަ ތަންތަނަށް ދިއުމުން ދުރުހެލިވުމަށް އެދުނެވެ. މީގެ އިތުރުން، ރީތި ހެދުންލުމާއި މީރުވަސްދުވާ އަތަރު ލުމަކީ ހަމައެކަނި ބޭރަށް ނުކުންނައިރު ކުރާ ކަމަކަށް ނަހަދައި، ދެމަފިރިންގެ މެދުގައި ލޯބި އިތުރުކުރުމަށްޓަކައި ގޭތެރޭގައި އެކަކު އަނެކަކަށް ޒީނަތްތެރިވުމަށް ޚުޠުބާގައި ވަނީ ބާރުއަޅާފައެވެ.