ރިޕޯޓް

އެމްޑީޕީގެ ޑިމާންޑުތައް އިވޭތަ؟ ޖޯކެއްތަ؟

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

"ރައްޔިތުންގެ 70 ޕަސެންޓު ސަރުކާރަށް ނޫނެކޭ ބުނެފި. ދެން ފުލުހުން މުޒާހަރާއަށް ވެސް ހުރަސް އަޅައިގެން ނުވާނެ. ޖާގަދީ ޖާގަދީ!"

Ads by Allied

"އަޅުގަނޑުމެން ނުކުމެ މިތިބީ ރައްޔިތުންގެ ހައްގުގަ."

"ރައްޔިތުން އެދޭ އިސްލާހުތައް ގެނެވޭނީ އަޅުގަނޑުމެންނަށް، އިސްތިއުފާދީފައި ވަޑައިގަންނަވާ."

މިއީ އެމްޑީޕީން މިހާރު ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ތަކުރާރުކޮށް އިވެމުން އަންނަ ބައެއް އަޑުތަކެވެ.

އޭޕްރިލް 4ގައި ލޯކަލް ކައުންސިލް އިންތިހާބާއި ރެފަރަންޑަމްގެ ނަތީޖާ ނުކުތް ފަހުން ވޭތުވެދިޔަ ދެ ހަފްތާގެ ތެރޭގައި އެމްޑީޕީން އަންނަނީ އެ ޕާޓީގެ ގަދަކަން ދައްކައި މަގުމަތި ހަލަބޮލިކޮށް ސަރުކާރަށް ބޮޑެތި ޑިމާންޑުތަކެއް ކުރަމުންނެވެ.

މުޒާހަރާގެ ތެރެއިން ފުލުހުންނާ ކުރިމަތިލައިގެން ގޮވާލާ ގޮވާލުންތަކުގެ އިތުރުން ރަސްމީކޮށް ފާސްކޮށްގެން 12 ޑިމާންޑެއް އެބަކުރެއެވެ. އޭގެ އިތުރުން އެމްޑީޕީ ތެރޭގައި ވަކި އެޖެންޑާއެއް ގެންގުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އިތުރު ޑިމާންޑުތަކެއް ސަރުކާރަށް ހުށަހެޅިއެވެ. އެ ކަންކަމަށް އިޖާބަ ނުދީފި ނަމަ ހުއްޓާ ނުލައި އަބަދަށް މުޒާހަރާ ކުރާނެ ކަމުގެ އިންޒާރު ވެސް ދެއްވިއެވެ.

މި ސިޔާސީ ރޯޅިގަނޑު ތެރޭ އެމްޑީޕީން ކިތަންމެ ސީރިޔަސް ބޮޑެތި ޑިމާންޑުތަކެއް ކުރަމުން ދިޔަ ނަމަވެސް ތަންދޮރު ފިލާ އެކަކު ވެސް އެކަން ސީރިޔަސްކޮށް ނުނަގާނެއެވެ. އެއީ ބޮޑު ޖޯކެކެވެ. އެ ޑިމާންޑުތަކުގެ ހަގީގަތަކީ ދެ އަހަރައި ބައި ފަހުން އަލުން އެމްޑީޕީ ބުނާ ގޮތަކަށް ރައްޔިތުން ވޯޓު ދޭން ތައްޔާރަށް ތިބި ކަމަށް އެ ޕާޓީއަށް ގަބޫލު ކުރެވުމެވެ.

މިހެން ބުނަން ޖެހޭ ސަބަބުތައް ބައިވަރެވެ؛

އެއްވުމުގެ ހައްގާއި ފުލުހުން ހުރަސް އަޅާ ފޮޓޯގަނޑު!

މާލޭގައި ކުރާ މުޒާހަރާތަކުގެ އެންމެ ހޫނުވާ ވަގުތަކީ މުޒާހަރާގެ ބައިވެރިން ފުލުހުންނާ ކުރިމަތިލާ ވަގުތެވެ. އެއްވުމަށް ހުރަސް ނޭޅޭނެ ކަމަށާއި ޖާގަ ދިނުމަށް ގޮވާލައި އަދި ރައްޔިތުން ނިންމި ނިންމުމާ އެއްކޮޅަށް ފުލުހުން ވެސް ތިބުމަށް ގޮވާލާ ގޮވާލުމެވެ.

އެކަމަކު އެކަން ބޮޑަށް ސިފަ ކުރެވެނީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މި ފަހުން ވިދާޅުވި ގޮތަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ފޮޓޯގަނޑެއް ހޯދަން އެމްޑީޕީން ޖަހާ ސަކަރާތެކެވެ.

"މި މުޒާހަރާތަކަކީ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ވާދަކުރައްވާ އެ ޕާޓީގެ މެމްބަރުން ބޭނުންވާ ފޮޓޯ ހޯދަން ކުރާ މުޒާހަރާތަކެއް. ގުރުބާންވީ ތިމަންނައޭ ބުނެ ޕާޓީގެ މެމްބަރުންނަށް ދައްކަން ކުރާ ކަމެއް،" އޭނާ ވިދާޅުވިއެވެ.

އެމްޕީ ޝުޖާ: އެމްޑީޕީގެ މުޒާހަރާ ސިފަކުރައްވަނީ ފޮޓޯ ހޯދުމުގެ ހަރަކާތެއްގެ ގޮތުގައި

ޝުޖާއު މިހެން ވިދާޅުވަނީ ކީއްވެ ހެއްޔެވެ.

2023ގައި ފުރިހަމަ އާރާއި ބާރާ އެކު އެމްޑީޕީގެ ވެރިކަމެއް ގާއިމްކުރީ މާލޭގައި މުޒާހަރާ ނުކުރެވޭ ގޮތަށް ރައީސް އަބްދުﷲ ޔާމީންގެ ގެންނެވި އިސްލާހުތައް އުވާލުމުގެ ބޮޑު ވައުދާ އެކުއެވެ. އެކަން ކުރަން މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް އެ ޕާޓީއަށް އޮތީ ލިބިފައެވެ. އެކަމަކު ފަސް އަހަރު ނިންމާލީ އެ މައްސަލަ ކޮމިޓީ ތެރޭ ޕާކުކޮށް ބާއްވައިގެންނެވެ. އަދި އެ ހަނިކުރި ހައްގުގެ ބޭނުން ފުރިހަމަ ހިފައިގެން އިދިކޮޅުން ކުރަމުން އައި މުޒާހަރާތަކަށް ހުރަސް އަޅަމުންނެވެ.

ދެން ދައްކަނީ ކައުންސިލް އިންތިހާބުގެ ވޯޓުން ނާކާމިޔާބުވުމުން ސަރުކާރު އިސްތިއުފާ ދޭން ޖެހޭ ވާހަކަ އެވެ. ނަމަވެސް އެފަދަ އިންތިހާބަކުން ބަލިވުމަކީ ސަރުކާރު އިސްތިއުފާ ދޭން މަޖުބޫރުވާ ސަބަބެއް ނޫނެވެ. އެހެން ނަމަ 2020ގައި ކައުންސިލް އިންތިހާބުން ޕީޕީއެމް/ޕީއެންސީން ބޮޑެތި ސިޓީތައް ކާމިޔާބު ކުރުމުން އޭރު އޮތްއެމްޑީޕީގެ ސަރުކާރު އިސްތިއުފާ ދިނީހެވެ.

އެކަމަކު މުޒާހަރާ ތެރޭގައި އަދި މުޅިން ވެސް ދައްކަނީ އެފަދަ ވާހަކަތަކެވެ. ދެ އަހަރާ ބައި ތެރޭގައި ރައްޔިތުންގެ ހަނދާނުން މިކަންކަން ފިލާނެ ކަމަށް އުންމީދު ކޮށްގެން ތިބި ކަހަލައެވެ.

12 ޑިމާންޑެއް، މާޒީ ހަނދާނެއް ނެތް؟

މުޒާހަރާތައް ފެށުމުގެ ކުރިން އެމްޑީޕީން ވަނީ ސަރުކާރަށް 12 ކަމެއް އިސްލާހު ކުރަން އަންގައިފައެވެ. އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ އިއްތިފާގުން ފާސް ކޮށްގެން އާންމުކުރި ކަންކަމަށް ވަކިވަކިން ބަލައިލުމުން ހަގީގަތުގައި އިސްލާހު ކުރަން ބޭނުންވާ މިންވަރު އިހުސާސްވާނެއެވެ.

އެ ޕާޓީން ޑިމާންޑުކުރާ އެއް ކަމަކީ މިނިވަން މުއައްސަސާތަކުގެ ރައީސުންނާއި ނައިބު ރައީސުން ރައީސް އައްޔަންކުރައްވާ ގޮތަށް ގާނޫނަށް ގެނައި ބަދަލު ބާތިލުކޮށް، އެ ބާރު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ރުޖޫއަކުރުމެވެ.

މިނިވަން މުއައްސަސާތަކުގެ ވެރިން ސީދާ ރައީސް އައްޔަން ކުރައްވާ ގޮތަށް މި ސަރުކާރުން ގާނޫނު އިސްލާހު ކުރިއިރު މީގެ ކުރިން އެކަން އެގޮތަށް ލިޔެފައި ނެތް ނަމަވެސް އަމަލު ކުރަނީ ހަމަ އެގޮތަށެވެ. އެމްޑީޕީގެ ވެރިކަމުގައި އަދި އޭގެ ކުރިން ވެސް މިނިވަން މުއައްސަސާތަކަށް ސަރުކާރުގެ ނުފޫޒު އޮވެއެވެ. އެއީ މަޖިލީހުގެ ތެރެއިން ސަރުކާރު ހިންގާ ޕާޓީ އަދި ރައީސްގެ ރުހުން ނެތް މީހަކަށް އެ މަގާމަކަށް ނާދެވެއެވެ. އެކަމުގެ ކަންބޮޑުވުން ކުރިން ވެސް އުފުލި ނަމަވެސް އެމްޑީޕީގެ ސުޕަރ މެޖޯރިޓީން އެކަމަށް އިޖާބައެއް ނުދެއެވެ.

ދެވަނަ ކަމަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މާލިއްޔަތު ގާނޫނަށް ގެނެސްފައިވާ އިސްލާހުތައް މުރާޖައާކޮށް، ބިޑަކާނުލައި މަޝްރޫއުތައް ހަވާލުކުރެވޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނައުމެވެ.

މި މައްސަލަ ވެސް އެންމެ ފުރަތަމަ ހޫނުވެގެން ދިޔައީ ރައީސް ޔާމީންގެ ވެރިކަމުގައެވެ. ބިޑަކާ ނުލައި އިކޮނޮމިކް ކައުންސިލުން އެކަނި ނިންމައިގެން މަޝްރޫއުތައް ދިނުމާ ދެކޮޅަށް މި ޑިމާންޑު އެމްޑީޕީން ހަމަ މި ގޮތަށް ލިޔުނެވެ. އެކަމަކު ވެރިކަމާ ހަވާލުވި ގޮތަށް ބިޑަކާ ނުލައި ދެވޭ ގޮތަށް މާލިއްޔަތު ގަވާއިދު ބަދަލުކޮށް ބޭރާއި އެތެރޭގެ އެތައް ކުންފުންޏަކަށް އެތައް މަޝްރޫއުތަކެއް ހަވާލު ކުރިއެވެ. އެ މައްސަލައިގައި އޭރު އޮތް އޭސީސީން ބަސްނުމުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ކޮމިޝަންގެ ހުރިހާ މެންބަރުން ވަކިކުރިއެވެ.

އޭސީސީގެ ކުރީގެ މެންބަރުން އެމްޑީޕީގެ ސްޕަރ މެޖޯރިޓީ މަޖިލީހުން ވަކިކުރި

ސަރުކާރުގެ ކޮރަޕްޝަންގެ ތަހުގީގުތައް އަވަސްކުރުމާއި އިންތިހާބާ ދިމާކޮށް މަގާމުތަކަށް މީހުން ނެގުމުގެ ވާހަކަ ވެސް އެއް ޑިމާންޑެއްގެ ގޮތުގައި ފާސް ކުރަން އެ ޕާޓީއަށް ކެރުނެވެ. ކޮންމެ އިންތިހާބަކާ ދިމާކޮށް ފެނަކައާއި އާރްޑީސީގެ ތެރެއިން އެތައް ސަތޭކަ ވަޒީފާތަކެއް ބަހައިލި ވާހަކަ ދެއްކެވި އެމްޑީޕީގެ މެންބަރުން އަދިވެސް އެ ޕާޓީގެ ތެރޭގައި އެބަތިއްބެވެ.

ހަމަ އެގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރަން ވެފައިވާ ވައުދު ފުއްދުމާއި ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރަން ވެސް އެމްޑީޕީން ވަނީ ގޮވާލައިފައެވެ. އެމްޑީޕީން ވި އެންމެ ބޮޑު ވައުދަކީ މިއެވެ. މިކަން ނުކޮށް މިއަދު މި ގޮވަނީ ހަމަ ޖޯކެއްތޯ ނޫނީ ރައްޔިތުންނަށް ކުރާ ފުރައްސާރައެއްތޯ ހަގީގައި ވެސް ސުވާލު އުފައްދާލަން ޖެހެއެވެ.

ބައެއް އެހެން ޑިމާންޑުތަކަށް ބަލާއިރު މިނިވަންކަން ކަށަވަރު ކުރުމަށް އޭސީސީގެ ރައީސް ވަކިކުރުން ހިމެނެއެވެ. އެކަމަކު މިވަގުތު އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި އެ ހުންނެވީ އެމްޑީޕީ ސަރުކާރުން ވެސް އިންތިހާބު ކުރި ބޭފުޅާއެވެ. އަދި ތިމާވެއްޓަށް ނޭދެވޭ އަސަރު ކުރާ ގޮތަށް މަޝްރޫއުތައް ހުއްޓާލަން ގޮވާލި އިރު ތިމާވެށީގެ ހިމާޔަތުގައި އުޅޭ ޖަމިއްޔާތަކުގެ އަޑު އެމްޑީޕީގެ ސަރުކާރުން ވެސް ނޭހިއެވެ.

ނަޝީދު އެ ވިދާޅުވާ މަޝްވަރާއަށް ދިޔުމުގެ ބޭނުމެއް އެބައޮތް؟

އެންމެ ފަހުން ބޭއްވި މުޒާރަހާގައި ބައިވެރިވެ ނަޝީދު ވަނީ ރައީސް މުއިއްޒުގެ އިތުބާރު ގެއްލިފައިވާ ކަމަށް އޭނާ ގަބޫލު ކުރާ ސަބަބު ވިދާޅުވެފައެވެ؛

"ރައީސް މުއިއްޒަށް ވަނީ އިތުބާރު ގެއްލިފަ. ރައީސް މުއިއްޒު ރައްޔިތުންގެ ގާތުގައި އެންމެ ފަހުން އެއްސެވީ ގިނަ ގިނައިން ވޯޓު [އިންތިހާބު] ނަގަންވީހޭ ނުވަތަ ނޫންހޭ. ރައްޔިތުންގެ ޖަވާބު ވަރަށް ސާފު. ރައްޔިތުން އެދެނީ ގިނަ ގިނައިން ވޯޓު ނަގަން. އެ މީހުން ގާތަށް ސިޔާސީ ލީޑަރުން ގިނަ ގިނައިން ދިޔުމަށް. ގާނޫނުއަސާސީގައި މި ސިފަތައް އަންނަން ޖެހޭ. ދިވެހި ރާއްޖޭގެ އޮނިގަނޑު އެބަ ބަދަލު ވާން ޖެހާ." މުޒާހަރާގައި ނަޝީދު ވިދާޅުވިއެވެ.

ދެ އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ދިޔުމުގެ ކުރިން ހިންގި ކަންކަން ބަލައިލުމުން އިތުބާރު ގެއްލުނީ ކޮން ބޭފުޅެއްގެކަން ވަރަށް ސާފެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ރައީސް މުއިއްޒު އިއުލާން ކުރެއްވުމުން އެ ވާހަކައަށް އެންމެ ފުރަތަމަ ތާއީދު ކުރެއްވި ލީޑަރަކީ ނަޝީދެވެ. ސަބަބަކީ އެކަމަކީ އެމަނިކުފާނު ބޭނުންފުޅުވާ ބަރުލަމާނީ ނިޒާމުގެ ސިފައެކެވެ.

ރައީސް މުޙައްމަދު ނަޝީދު ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ތާއީދުކުރެއްވި

އެހެން ނަމަވެސް ފަހުން ސިޔާސީ ހާލަތު ނިޔާ ކުރި ގޮތުން އެ ވިސްނުން ދޫކޮށްލަން ނިންމެވިއެވެ. ސްޓޭންޑު ބަދަލު ކުރެއްވިއެވެ. އަދި ސްޓޭންޑް ބަދަލު ކުރެއްވި ސަބަބެއް ވެސް ވިދާޅެއް ނުވެއެވެ.

އެހެންވެ ރައްޔިތުން އެ ނޫނެކޭ ބުނީ ނަޝީދު ވެސް ގެންނަން ބޭނުންވި ހިޔާލަކަށެވެ.

އަދި މިހާރު ނަޝީދުގެ ޑިމާންޑަކީ ދައުލަތުގެ އިސް ވެރިޔަކާއި ސަރުކާރުގެ އިސްވެރިޔެއް ހުންނަ ގަޮތަށް ގާނޫނުއަސާސީ ބަދަލު ކުރުމަށެވެ. ބަރުލަމާނީއޭ ނުކިޔައި އެ ނިޒާމް ގެންނާނެ ގޮތުގެ މަގުޗާޓެއް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒާ ދެ ބޭފުޅުން މި ފަހުން ކުރެއްސެވިއެވެ.

އޭގެ ބޭނުމަކީ ނަޝީދަށް ވެރިކަމަށް އާދެވޭނެ މަގު ކޮށައި ދިނުމެވެ. ކުރިން ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ތާއީދު ކުރީ އެހެންވެއެވެ. އަދި ފަހުން ބަދަލު ކުރީ ވެސް އެވަގުތު ސިޔާސީ ގޮތުން އެމަނިކުފާނަށް އެންމެ ފައިދާ ހުރި ގޮތަށް ވަޑައިގަތުމަށެވެ. ރައްޔިތުންގެ މަސްލަހަތެއް ނުވަތަ އިސްލާހީ ބަދަލަކާ ހެދިއެއް ނޫނެވެ.

އެހެންވެ އެކަމުގައި ކުރާނެ ވަކި މަޝްވަރާއެއް ނެތެވެ. ވެރިން ހިބަކޮށް ދިނުން ނޫން އިތުރު ގޮތެއް ހެވެއް ނުވާނެއެވެ.

ކޮންމެއަކަސް އެމްޑީޕީގެ އާންމު މެންބަރުން މަގުމަތީގައި ގޮވަމުން އަންނަ ކަންކަމާއި އެ ޕާޓީގެ ލީޑާޝިޕުން ފާސް ކުރި ޑިމާންޑުތައް އަދި ނަޝީދު އެދޭ ބަދަލުތަކަކީ ވެސް ޖޯކެކެވެ. އިންތިހާބުގެ ނަތީޖާއަށް ފަހު އަލުން ދެ އަހަރައި ބައިގެ ފަހުން އެމްޑީޕީ ބުނާ ގޮތަކަށް ރައްޔިތުން ވޯޓުލާނެ ކަމަށް ނިންމައި ، ކުރާ ޑިމާންޑުތަކެކެވެ. އަދި އަމިއްލައަށް ބާރު އޮވެ އިޖާބަ ނުދިން ކަންކަމެވެ.

Ads by Allied Insurance
  1. ބުރާންތި

    ބޮޑު ޖޯކެއް ތި ބައިގަނޑު ތިޔައީ