ޚަބަރު

ނަޝީދުގެ ކެމްޕޭންގައި އުޅުއްވާތީ އިބުރޭއަށް ފިޔަވަޅު އަޅައިދޭން މީކާއިލް އެދިވަޑައިގެންފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް

އެމްޑީޕީގެ ޗެއާޕާސަންކަމަށް ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭންގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ)އުޅުއްވާތީ، އިބުރޭއާ މެދު ފިޔަވަޅު އަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް މިއަދު ގޮވާލައްވައިފިއެވެ.

Ads by Allied

މީކާއިލް އެފަދައިން ގޮވާލެއްވީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ (ގަޕޯ)އަށް ފޮނުއްވި ސިޓީއެއްގައެވެ.

ޗެއާޕާސަންގެ މަގާމަށް މީކާއިލް ވެސް ވާދަކުރައްވާއިރު އޭނާ ގަޕޯއަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އެމްޑީޕީގެ އިދާރީ އިސް މަގާމެއްގައި ގަޕޯ ހުންނަވައި ރައީސް ނަޝީދުގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިިވެވަޑައިގެންނެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

މީކާއިލް ވަނީ ސޯޝަލް މީޑިއާގައި ތިލަވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން އިބުރޭ ނަޝީދުގެ ކެމްޕޭންތަކުގައި އުޅުއްވާކަން ކަށަވަރު ކަމަށެވެ.

އެހެންވެ އެ މައްސަލައިގައި އިބުރޭގެ މައްޗަށް ފިޔަވަޅު އަޅައިދިނުމަށް މީކާއިލް ވަނީ އެދިވަޑައިގެންފައެވެ.

އެމްޑީޕީއާ ރައީސް ނަޝީދުއާއި އެމަނަކުފާނަށް ވަފާތެރި ބޭފުޅުން އަލުން ގުޅިވަޑައިގެންނެވި ނަަމަވެސް އަދިވެސް އެ ޕާޓީގެ ތެރޭގައި އިންތިހާއަށް ކޯޅުންތައް އެބައޮތެވެ.

އެގޮތުން ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ހަފްލާގައި ރައީސް ނަޝީދު ވާހަކަ ދައްކަން ނުދިން މައްސަލަ ހޫނުވެ ވަގުތީ ޗެއާޕާސަންގެ މަގާމުން ޣަފޫރު ވަކިކުރަން ވެސް ހުށަހެޅިއެވެ. ނަމަވެސް ފަހުން އެ މައްސަލަ ނެގިއެވެ.

Ads by Allied Insurance