ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިންގި އޮޕަރޭޝަނެއްގައި 8 ބިދޭސީއަކު އަތުލައިގަނެފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީން ހޯދައި ފިޔަވަޅު އެޅުމަށް މޯލްޑިވްސް އިމިގްރޭޝަނުން ފަށާފައިވާ ޚާއްޞަ ހަރަކާތްތަކުގެ ތެރެއިން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިންގި އިންސްޕެކްޝަނެއްގައި 8 ބިދޭސީއަކު މިއަދު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

Ads by Allied

މައިގްރޭޝަން މޮނިޓަރިންގ އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް (އެމްއެމްސީޕީ) ގެ ނަމުގައި އިމިގްރޭޝަނުން ކުރިއަށްގެންދާ މި އޮޕަރޭޝަންގެ ދަށުން ހުޅުމާލެ ފޭސް 2 ސަރަޙައްދުގައި ޖުމްލަ 19 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ބަލައި ފާސްކޮށްފައެވެ. އޭގެ ތެރެއިން ކަމާބެހޭ ހުއްދަތައް ނެތި، ޤަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ އަށް މީހަކު ވަނީ ވަގުތުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ބިދޭސީންގެ މައްސަލަތަކާ ގުޅިގެން ޤައުމުގެ އިޤްތިޞާދަށާއި މުޖުތަމަޢަށް ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، ދިވެހި ސަރުކާރުން އަންނަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން، ދިވެހި ރައްޔިތުންގެ ނަންމަތީގައި ފަރުދާވެ ތިބެ ވިޔަފާރިކުރާ ބިދޭސީންނާއި، އެއްވެސް ހުއްދައެއް ނެތި އުޅޭ މީހުން ހޯދުމުގެ ފުޅާ ހަރަކާތްތަކެއް ކަމާބެހޭ އިދާރާތައް ގުޅިގެން ދަނީ ހިންގަމުންނެވެ.

މުޅި ރާއްޖޭގައި ކުރިއަށްގެންދާ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ ބޮޑު ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 202،000 އަށްވުރެ ގިނަ މީހުންގެ ރެކޯޑުތައް ވަނީ ނަގާފައެވެ. އަދި ފުރިހަމަ މަޢުލޫމާތު ހިއްސާނުކުރާ ބިދޭސީން އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް (ޑީޕޯޓްކުރުން) ފަށާނެކަމުގެ އިންޒާރު ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ވަނީ ދެއްވާފައެވެ.

Ads by Allied Insurance