ފަޅު ފުންކުރުމާއި ހިއްކުމުގެ މަޝްރޫއުތަކުގައި ތިމާވެށި ރައްކާތެރިކުރުމުގައި އިހުމާލުވުމުގެ ގިނަ ޝަކުވާތަކެއް
ފަޅު ފުންކުރުމާއި ހިއްކުމުގެ މަޝްރޫއުތަކުގައި ތިމާވެށި ރައްކާތެރިކުރުމުގައި އިހުމާލުވުމުގެ ގިނަ ޝަކުވާތަކެއް ލިބެމުންދާކަމަށް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ(އީރާުއޭ)އިން މިއަދު ބުނެފިއެވެ.
ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ޓަކައި ހާއްސަ ގަވާއިދެއް އޮވެއެވެ.
ނަމަވެސް އީރާއޭއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމައަށް ނާޅާ ފަޅު ފުންކުރުމާއި ހިއްކުމުގެ މަޝްރޫޢުތަކާ ގުޅޭ މަސައްކަތްތައް ކުރިއަށްގެންދިޔުމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
އެގޮތުން، ހިއްކުމުގެ މަސައްކަތުގެ ސަބަބުން، ފަޅުތެރޭގައި އުފެދޭ ސެޑިމެންޓޭޝަންގެ އަސަރު ކުޑަކުރުމަށް، ހިއްކުމުގެ މަސައްކަތް ފެށުމުގެ ކުރިން ޖަހަންޖެހޭ ބަންޑްވޯލް އަދި ސިލްޓް ސްކްރީން ގާއިމްނުކުރުރާކަން ފާހަގަކުރިއެވެ.
އަދި ވެލި ނެގުމަށް ހުއްދަ ދީފައިވާ ސަރަހައްދުތަކުގެ ބޭރުން ވެލި ނެގުމުގެ ސަބަބުން، މީހުން ދިރިއުޅޭ ރަށްރަށާއި ޓޫރިސްޓް ރިޒޯޓްތަކާއި މާކައިރިންވެލިނެގުމާއި، މޫސުން ގޯސްވެ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ރީނދޫ ސަމާލު ނެރެފައިވާ ދުވަސްވަރުގައި ވެސް މަސައްކަތް ކުރަމުންދާކަމަށް ވެސް އީއާރުއޭއިން ބުންޏެވެ.
އީއާރުއޭއިން ބުނީ އެ އޮތޯރިޓީއަށް ހުށަހެޅޭ އެފަދަ ޝަކުވާތަކަށް ހާއްސަ އިސްކަމެއްދީ ވަރަށް ގާތުން ބަލައި، އެ ފަދަ މަޝްރޫޢުތައް މޮނިޓަރ ކުރަމުންދާ ކަމަށެވެ. އަދި އެ އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަތަކާ ހިލާފަށް މަސައްކަތްކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ބުންޏެވެ.
އެހެންކަމުން އީއައިއޭ ރިޕޯޓުތަކުގައި، މަޝްރޫއުތަކުގެ ސަބަބުން ކުރިމަތިވާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ބަޔާންކޮށްފައިވާ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އެގޮތުން ބަންޑްވޯލް އަދި ސިލްޓް ސްކްރީން ގާއިމްކޮށް އަތޮޅުތެރެއިން ވެލިނަގާނަމަ، މީހުން ދިރިއުޅޭ ރަށްރަށާއި ރިޒޯޓުތަކުގެ ހައުސް ރީފް އިން ފެށިގެން މަދުވެގެން 500 މީޓަރ ދުރުމިނެއް ބަހައްޓައި މަޝްރޫއަކަށް އޮތޯރިޓީއިން ދޫކޮށްފައިވާ "އެޕްރޫވްޑް ބޮރޯ އޭރިއާ" އެތެރެއިން ވެލިނެގުމަށް ވަނީ ގޮވާލައިފައެވެ.
ހަމައެއާއެކު، ހޮޕާ ޑްރެޖަރ ބޭނުންކުރުމުގައި، އެކި ސަރަޙައްދުތަކަށް ދަތުރުކުރުމުގެ ކުރިން އޯވަފްލޯ ކޮންޓްރޯލް ވޭލްވްސް ފުރިހަމައަށް ބަންދުކޮށްފައި ހުރިތޯ ޔަޤީންކޮށް ފަރުތަކާއި ނާޒުކު ސަރަހައްދުތަކާ ދުރުން، ކަނޑައެޅިފައިވާ ޑްރެޖަރު ރޫޓްތައް ބޭނުންކުރުމަށް ވެސް ގޮވާލިއެވެ.