ޚަބަރު

ސްރީލަންކާއާ އެކު މުހިންމު އެއްބަސްވުންތަކެއް އެކުލަވާލެއްވުމަށްފަހު، ރައީސްގެ ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު / ފޮޓޯ: ރައީސް އޮފީސް

ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމުގެ މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ކާމިޔާބުކަމާ އެކު ނިންމަވާލައްވައިފިއެވެ.

Ads by Allied

މި ދަތުރުފުޅުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ބަދަލުކުރެވުނު މުހިންމު 7 ފަހުމުނާމާއެކެވެ. ފަތުރުވެރިކަމާއި، ދިފާޢީ އަދި ސަލާމަތީ ގުޅުންތަކާއި، ތަޢުލީމާއި ކުޅިވަރުގެ އިތުރުން ފަންނީ ތަރައްޤީއާއި އަރުޝީފުކުރުމާ ގުޅޭގޮތުން ސޮއިކުރެވުނު މި އެއްބަސްވުންތަކުގެ ކުރިން، ދެ ޤައުމުގެ އިސްވެރިން ވަނީ ރަސްމީ ފެންވަރުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ. އަދި އޭގެފަހުން ދެ ރައީސުން ގުޅިފައިވާ ޚާއްޞަ ބަޔާނެއް ވެސް ވަނީ ދެއްވާފައެވެ.

ދިވެހި ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ގިނަގުނަ ފަސޭހަތަކެއް ގެނެސްދިން މި ދަތުރުފުޅުގެ ތެރެއިން، ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ދިވެހި ޕާސްޕޯޓާއި އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ވަނީ ރަސްމީކޮށް ފައްޓަވާފައެވެ. މީގެ އިތުރުން، ރާއްޖޭގެ ޤައުމީ މަސްކުންފުނި (މިފްކޯ) ގެ އުފެއްދުންތައް ލަންކާގެ ބާޒާރަށް ނެރުމާއެކު، ދެ ޤައުމުގެ 300 އެއްހާ އިންވެސްޓަރުންނާއެކު ޚާއްޞަ 'ބިޒްނަސް ފޯރަމް' އެއްވެސް ވަނީ ބާއްވާފައެވެ.

ރާއްޖެއާއި ލަންކާގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން، ދެ ޤައުމުގެ ރައީސުން ވަނީ ނެތިދިއުމުގެ ބިރު ހީވެފައިވާ ޚާއްޞަ ގަހެއް ކަމަށްވާ "ހޯސްފީލްޑިއާ އިރީއޫގެޑީ" އިންދަވައިދެއްވާފައެވެ. ރައީސް ޑރ. މުޢިއްޒުގެ މި ދަތުރުފުޅުގައި ލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާ އާއި، ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޑރ. ޖަގަތު ވިކްރަމަރަތްނަގެ އިތުރުން ޚާރިޖީ ވަޒީރު ވިޖިތަ ހޭރަތުއާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރެއްވިއެވެ.

Ads by Allied Insurance