ޚަބަރު

އެފްޑީސީ ފްލެޓްތަކުގެ ރަށްވެހިކަން ބަދަލުކުރުމަށް ބޭނުންވާ ލިޔެކިޔުންތައް އޮންލައިންކޮށް ލިބޭގޮތް ހަދައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ބިނާކޮށްފައިވާ ފްލެޓްތަކަށް ރަށްވެހިކަން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން، އެކަމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް އެ ކުންފުނީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް މިހާރު ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

Ads by Allied

މާލެ ސިޓީ ކައުންސިލާ އެކު ބޭއްވި މަޝްވަރާތަކަކަށްފަހު މި ބަދަލު ގެނެސްފައިވާއިރު، އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ފާހަގަކުރެއްވި ގޮތުގައި މި ނިޒާމުގެ ދަށުން އެއްވެސް ކަރުދާހުގެ ލިޔުމެއް ހިފައިގެން ދާކަށް ނުޖެހޭނެއެވެ. ސަރުކާރުން ކުރިއަށްގެންދާ ޑިޖިޓަލައިޒޭޝަން ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން، ސިޓީ ކައުންސިލަށް ބޭނުންވާނެ ހުރިހާ މައުލޫމާތެއް އޮންލައިންކޮށް ޕޯޓަލްގެ ތެރެއިން ފަސޭހަކަމާ އެކު ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ފްލެޓްތަކަށް ރަށްވެހިކަން ބަދަލުކުރުމުގެ މަރުހަލާގައި އެފްޑީސީގެ ފަރާތުން އިދާރީ ގޮތުން އެއްވެސް ދަތިކަމެއް ނުވަތަ ހުރަހެއް ކުރިމަތިނުވާނެކަމުގެ ޔަގީންކަން ހަމްދާން ވަނީ ދެއްވާފައެވެ. އަދި ހަމައެއާ އެކު، ސިޓީ ކައުންސިލްގެ ފަރާތުންވެސް މި މަސައްކަތުގައި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދެއްވާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި އޭނާ އިތުރަށް ވިދާޅުވިއެވެ.

ދެވަނަ ފިޔަވަހީގައި އެފްޑީސީން އިމާރާތްކޮށްފައި ވަނީ ޖުމްލަ 32 ޓަވަރެވެ. މީގެ ތެރޭގައި 4000 ހައުސިންގ ޔުނިޓް ހިމެނޭއިރު، މިއީ ގާތްގަނޑަކަށް ތިރީސް ހާހަށްވުރެ ގިނަ މީހުންގެ އާބާދީއެއް ދިރިއުޅޭނެ ސަރަހައްދެއްކަމަށް ވަނީ ލަފާކުރެވިފައެވެ.

Ads by Allied Insurance