Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ނައްތާލާ ފައިސާގެ ނޫޓުން ސުވެނިއަރ އަދި ކުރެހުން ފަރުމާކުރުމުގެ ޚާއްސަ މުބާރާތެއް އެމްއެމްއޭއިން ފަށައިފި

ނައްތާލާ ފައިސާގެ ނޫޓުން ސުވެނިއަރ އަދި ކުރެހުން ފަރުމާކުރުމުގެ ޚާއްސަ މުބާރާތެއް އެމްއެމްއޭއިން ފަށައިފި

ބޭނުންކުރުން ހުއްޓާލުމަށް ފަހު ނައްތާލާފައިވާ ޕޮލިމަރ ނޫޓުތައް ބޭނުންކޮށްގެން ތަފާތު ފަންނީ އުފެއްދުންތަކާއި ހަނދާނީ ހަދިޔާ ފަރުމާކުރުމުގެ މުބާރާތެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ތަޢާރަފުކޮށްފިއެވެ.

"ކްރާފްޓެޑް ބައި ކަރަންސީ" ގެ ނަމުގައި ފެށި މި ޙަރަކާތަކީ މަރުކަޒީ ބޭންކުގެ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުގެ ދަށުން، އުކާލެވޭ ތަކެތި އަލުން ބޭނުންކުރެވޭނެ އީޖާދީ ގޮތްތަކެއް ހޯދުމަށް ފަށާފައިވާ މުހިންމު މަސައްކަތެކެވެ. މި މުބާރާތް މައިގަނޑު ގޮތެއްގައި ބަހާލެވިފައިވަނީ އާޓްވޯކް އަދި ސުވެނިއަރ ފަރުމާކުރުމުގެ މައްޗަށެވެ.

މީގެ ތެރެއިން ސުވެނިއަރ ކެޓަގަރީ ޚާއްޞަކޮށްފައިވަނީ ކުދިކޮށް ކޮށާފައި ހުންނަ ނޫޓުތަކުން ގިނަ އަދަދަކަށް އުފެއްދިދާނެ، ރަސްމީ ހަނދާނީ ހަދިޔާތަކަށެވެ. އަދި އާޓްވޯކް ބައިން ޖާގަ ލިބޭނީ މި ނޫޓުތައް މައިގަނޑު މާއްދާއެއްގެ ގޮތުގައި ބޭނުންކޮށްގެން އުފައްދާ އަމިއްލަވަންތަ ފަންނީ އަތްތެރި މަސައްކަތްތަކަށެވެ.

Advertisement
Allied Insurance — Square (box)

ވިޔަފާރިތަކަށާއި، ފަންނުވެރިންނާއި ޑިޒައިނަރުންގެ އިތުރުން އާންމު ފަރުދުންނަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ މި މުބާރާތަށް ހުށަހަޅާ ތަކެތީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އުފެއްދުންތައް 2026ވަނަ އަހަރު އޮންނަ "ފައިނޭންޝަލް އެކްސްޕޯ" ގައި އާންމުންނަށް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. އެކަކަށް ނުވަތަ އެއް ޓީމަކަށް ދެ ކެޓަގަރީގައި ވެސް ވާދަކުރުމުގެ ފުރުޞަތު އޮންނާނެކަމަށް އެމްއެމްއޭއިން މަޢުލޫމާތުދެއެވެ.

މުބާރާތުގެ ވަނަތަކަށް ހޮވޭ ފަރާތްތަކަށް އަގުހުރި ފައިސާގެ އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ސުވެނިއަރ ފަރުމާކުރުމުގެ ބައިން އެއްވަނައަށް 15,000 ރުފިޔާ، ދެވަނައަށް 10,000 ރުފިޔާ އަދި ތިންވަނައަށް 5,000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، މި ބައިން ވަނަ ހާސިލުކުރާ ފަރާތްތަކަށް އެމްއެމްއޭގެ ރަސްމީ ސުވެނިއަރ އުފެއްދުމުގެ ކޮންޓްރެކްޓް ލިބިގެންދާނެއެވެ. އާޓްވޯކް ބައިން އެއްވަނައަށް ދިނުމަށް ކަނޑައަޅާފައިވަނީ 10,000 ރުފިޔާއެވެ. ދެވަނައަށް 5,000 ރުފިޔާ އަދި ތިންވަނައަށް 3,000 ރުފިޔާ ލިބޭނެއެވެ.

މި ޝައުޤުވެރި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލްތައް 14 މެއި 2026 ގެ ކުރިން މަރުކަޒީ ބޭންކަށް އީމެއިލް ކުރުމަށް އެ އޮތޯރިޓީން ވަނީ އަންގަވާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް