ޚަބަރު

އިލެކްޓްރޯނިކް ޕާސްޕޯޓު ހުސްވެ، ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރަން ފަށައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
އިމިގްރޭޝަންގެ ކައުންޓަރަކުން ޕާސްޕޯޓުގެ ހިދުމަތް މީހަކު ހޯދަނީ/ ފޮޓޯ:އިމިގްރޭޝަން

ދިވެހިރާއްޖެއަށް އިލެކްޓްރޯނިކް ޕާސްޕޯޓު އެތެރެކުރުމުގައި ދިމާވި ލަސްތަކަކާ ގުޅިގެން، ސްޓޮކް ހިފެހެއްޓުމުގެ ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން އާންމުންނަށް ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.

Ads by Allied

އިމިގްރޭޝަނުން ބަޔާންކޮށްފައިވާ ގޮތުގައި، އާދައިގެ ޕާސްޕޯޓަކަށް އެދި ހުށަހަޅާ ހުރިހާ ފަރާތްތަކަށް ވެސް މި ވަގުތު ދޫކުރަމުން ގެންދާނީ އިލެކްޓްރޯނިކް ނޫން ޕާސްޕޯޓެވެ. މިއީ އަލަށް ގެންނަންޖެހޭ އީ-ޕާސްޕޯޓު ބުކްލެޓްތައް ރާއްޖެއަށް ވާސިލުވުން ލަސްވުމުގެ ސަބަބުން، ހުރި ސްޓޮކް އެންމެ ފުރިހަމަ ގޮތުގައި މެނޭޖުކުރުމަށް އެޅި ފިޔަވަޅެކެވެ.

މި ގޮތަށް ދޫކުރާ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓަކީވެސް ބައިނަލްއަގުވާމީ ސިވިލް އޭވިއޭޝަން ޖަމިއްޔާ (އައިކާއޯ) ގެ މިންގަނޑުތަކަށް ފެތޭ، އަދި މެޝިނުން ކިޔޭނެ ފަސް އަހަރުގެ މުއްދަތެއް ލިބިދޭ ރަސްމީ ޕާސްޕޯޓެކެވެ. މީގެ އިތުރުން، އާދައިގެ އީ-ޕާސްޕޯޓެއް ހެއްދުމަށް 1،000 ރުފިޔާ ޚަރަދުވާއިރު، ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓަށް ދައްކަންޖެހެނީ 600 ރުފިޔާގެ ފީއެކެވެ.

ކުރިއާ ޚިލާފަށް، އިމިގްރޭޝަނުން ވަނީ މި ދަނޑިވަޅުގައި އާންމުންނަށް ލުޔެއް ދިނުމުގެ ގޮތުން ހާއްސަ އިންތިޒާމެއް ހަމަޖައްސާފައެވެ. އެގޮތުން، ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ހައްދާ ފަރާތްތަކުން އޭގެ މުއްދަތު ހަމަވުމުގެ ކުރިން އީ-ޕާސްޕޯޓަކަށް ބަދަލުކުރަން ބޭނުންވެއްޖެ ހިނދެއްގައި، އެއްވެސް ކެންސަލޭޝަން ފީއަކާ ނުލައި އާ ޕާސްޕޯޓު ހެއްދޭނެ މަގު މިހާރު ވަނީ ފަހިކޮށްދީފައެވެ.

Ads by Allied Insurance