ޚަބަރު

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރުޞަތަށް 20،000 އަށްވުރެ ގިނަ މީހުން ކުރިމަތިލައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ބޯހިޔާވަހިކަން ނެތް ފަރާތްތަކަށް އަމާޒުކޮށްގެން ސަރުކާރުން ހުޅުވާލި ގޯއްޗާއި ފްލެޓް ދޫކުރުމުގެ އައު މަޝްރޫޢަށް މިހާތަނަށް 20،000އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅައިފިއެވެ.

Ads by Allied

ބިނާރާ ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު އެ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ފުރިހަމަކޮށް ހުށަހަޅާފައިވާ ފޯމުތަކުގެ އިތުރުން، ޑްރާފްޓް މަރުޙަލާގައި ނުވަތަ ޕެންޑިންގގައިވެސް 17،000އަށްވުރެ ގިނަ އެޕްލިކޭޝަން އެބައޮތެވެ. އެހެންކަމުން މި ފުރުޞަތުގެ ދަށުން ޖުމްލަ 37،000އެއްހާ ފޯމު ލިބޭނެކަމަށް ލަފާކުރެއްވޭކަމަށާއި، ދެމަފިރިންކުރެ އެކަކުގެ ނަމުގައި ވެސް ބިމެއް ނުވަތަ ގެދޮރެއް ނެތް ފަރާތްތަކަށް އެކަނި ކުރިމަތިލެވޭ ގޮތަށް ޝަރުޠުތައް ހަރުކަށިކޮށްފައި އޮތް ނަމަވެސް މިހާ ގިނަ ބަޔަކު ކުރިމަތިލުމަކީ ރާއްޖޭގައި ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާކަން ހާމަކޮށްދޭ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މާލޭ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި މިހާރުވެސް 3،260ފްލެޓެއްގެ ޢަމަލީ މަސައްކަތް ފަށައިގެން ކުރިއަށްދާކަން ޑރ. މުއްޠަލިބް ހާމަކުރެއްވިއެވެ. މީގެ އިތުރުން، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގުޅީފަޅުގައި ތަރައްޤީކުރާ 4،000ޔުނިޓާއި، ސަޢުދީ ފަންޑުގެ އެހީގައި އިމާރާތްކުރާ 400ފްލެޓާއި، ބޭންކް އޮފް މޯލްޑިވްސްގެ އެހީގައި ހަދާ 540ޔުނިޓްގެ އިތުރުން އިންޓްރެސްޓް ފްރީ ލޯނެއް މެދުވެރިކޮށް އަޅާ 500ހައުސިންގ ޔުނިޓުގެ އެންމެހާ އިދާރީ ކަންކަން މިހާރު ނިމިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަމިއްލަ ކުންފުނިތަކަށް ބިން ދޫކޮށްގެން ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރާވާފައިވާ 2،000ފްލެޓްގެ މަޝްރޫޢު އިކޮނޮމިކް ކައުންސިލަށް ހުށަހަޅާފައިވާއިރު، އިތުރު 1،000ފްލެޓް އެޅުމުގެ މަޝްވަރާތައްވެސް ދަނީ ކުރެވެމުންނެވެ.

ވޭތުވެދިޔަ ސަރުކާރުތަކުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރި މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަމުގައި ޗައިނާގެ އެގްޒިމް ބޭންކު މެދުވެރިކޮށް 1،000ފްލެޓާއި ޓާޓާ ފްލެޓްތަކުގެ މަސައްކަތް ފެށުނު ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވި ދައުރުގައި ހިޔާ މަޝްރޫޢުގެ 7،000ފްލެޓާއި ވިނަރެސްގެ 1،344ފްލެޓް ހިމެނޭހެން 10،000އަށްވުރެ ގިނަ ފްލެޓްގެ މަސައްކަތް ފެށިގެން ދިޔުމަކީ އެއް ދައުރެއްގައި އެންމެ ގިނަ ފްލެޓް އެޅުނު ފަހަރުކަމަށް ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، ނިމިދިޔަ ސަރުކާރުންވެސް 4،000ފްލެޓް އިމާރާތްކުރުމުގެ މަސައްކަތް ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ads by Allied Insurance