މަގުމަތީގެ ހަރަކާތްތަކާ ގުޅިގެން، ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް މުރާޖަޢާކުރަންޖެހޭ: މުޙައްމަދު އިސްމާޢީލް
ކުރީގެ ތިން ރައީސަކު އިސްވެ ތިއްބަވައި މާލޭގެ މަގުމަތީގައި ފުލުހުންނާ ކުރިމަތިލައްވައި ހަމަނުޖެހުން އުފެއްދެވުމާ ގުޅިގެން، ދައުލަތުން އެ ބޭފުޅުންނަށް ދެއްވާ ޚާއްޞަ އިނާޔަތްތަކާއި ސަލާމަތީ ރައްކާތެރިކަމުގެ އުސޫލުތައް އަލުން މުރާޖަޢާކުރުމަށް ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު އިސްމާޢީލް ގޮވާލައްވައިފިއެވެ.
ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރުކަން ވެސް ކުރައްވަމުން ގެންދަވާ މުޙައްމަދު އިސްމާޢީލް މިފަދައިން ވިދާޅުވީ، ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި މުޙައްމަދު ނަޝީދާއި، އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިތުރުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެއްގަލަކަށް އަރައިވަޑައިގެން ސަރުކާރާ ދެކޮޅަށް ނުކުމެވަޑައިގަތުމާ ގުޅިގެންނެވެ. އެ ބޭފުޅުންގެ އިރުޝާދުގެ ދަށުން އެމްޑީޕީ އަދި ޕީއެންއެފްގެ ސަޕޯޓަރުން މަގުމައްޗަށް ނުކުމެ، ސަލާމަތީ ބާރުތަކުގެ ސަފުތައް ފަޅާލައި ހިންގި އަމަލުތަކަށް އާންމުންގެ ފާޑުކިޔުން ވެސް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.
ސޯޝަލް މީޑިއާ މަންސަ 'އެކްސް' ގައި ހިއްސާކުރެއްވި ވީޑިއޯއަކާ އެކު މެމްބަރު ފާހަގަކުރެއްވި ގޮތުގައި، ޤާނޫނުން ކުރީގެ ރައީސުންނަށް ޚާއްޞަ އިމްތިޔާޒުތަކާއި ސަލާމަތްތެރިކަން ދީފައިވަނީ ދައުލަތުގެ އެންމެ މަތީ ވެރިކަން ކުރައްވާފައިވުމުން، އެބޭފުޅުންނަށް ޝަރަފުވެރިކަމާއި ޤަދަރުވެރިކަމާ އެކު އުޅުއްވޭނެ މަގު ފަހިކޮށްދިނުމަށެވެ. ނަމަވެސް އޭގެ ބަދަލުގައި އެ ބޭފުޅުން ފެންނަމުންދަނީ މުޖުތަމަޢުގެ އާންމު މިންގަނޑުތަކާ ޚިލާފަށް، މަދު ބަޔަކު ގޮވައިގެން ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދަވައި ބައިބައިވުން އާލާކުރަން މަސައްކަތްކުރައްވާ މަންޒަރުކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މުޖުތަމަޢުގެ ސުލްހަމަސަލަސްކަމާއި އިޖުތިމާޢީ އަދާލަތު ދެމެހެއްޓުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއްކަން ހަނދާންކޮށްދެއްވަމުން، މިފަދަ ހަމަނުޖެހުންތަކަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ. މާޒީގައި ވެސް އިދިކޮޅު ފަރާތްތަކުން ބޭއްވި ސިޔާސީ ހަރަކާތްތަކުގައި ފުލުހުންނަށް އަނިޔާވެފައިވާއިރު، ޤައުމުގެ އެންމެ އިސް ސަފުގައި ތިއްބެވި ކުރީގެ ރައީސުން ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް މައްސަލައެއްކަން ފާހަގަކުރެވެއެވެ.