ވަޠަނީ ޚިދުމަތުގެ ތަމްރީނުތައް ނިންމައި، ދެވަނަ ބެޗުގެ 344 ޒުވާނަކު ދަސްވެނިވެއްޖެ
ދިވެހި ޒުވާނުންނަކީ ޤައުމަށް ފައިދާހުރި، އުފެއްދުންތެރި އަދި އަޚުލާޤު ރަނގަޅު ބަޔަކަށް ހެދުމުގެ މަތިވެރި މަޤްޞަދުގައި ސަރުކާރުން ކުރިއަށްގެންދާ "ދިވެހި ވަޠަނީ ޚިދުމަތް" ޕްރޮގްރާމްގެ ދެވަނަ ބުރުގެ ތަމްރީނުތައް ފުރިހަމަކޮށް 344 ބައިވެރިޔަކު ޅ. މާފިލާފުށީގައި މިއަދު ދަސްވެނިވެއްޖެއެވެ.
މިކަން ފާހަގަކުރުމަށް މާފިލާފުށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދެވެ. މި ރަސްމިއްޔާތުގެ ތެރެއިން، ތަމްރީނު ފުރިހަމަކުރި ދަރިވަރުންނަށް ޢަޒުމް ލައިދިނުމާއި އެ ފަރާތްތަކުގެ ޚާއްޞަ ހިނގާލުމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ދެވަނަ ބެޗުގައި ރާއްޖޭގެ 112 ރަށަކުން 350 ޒުވާނުން ތަމްރީނުތަކުގައި ބައިވެރިވިއިރު، އޭގެ ތެރޭގައި ހިމެނެނީ 64 އަންހެނުންނާއި 286 ފިރިހެނުންނެވެ. މީގެ ތެރެއިން 344 ފަރާތަކުން ވަނީ ކާމިޔާބުކަމާއެކު ތަމްރީނުތައް ފުރިހަމަކޮށްފައެވެ.
މި އަހަރުގެ ތެރޭގައި އިތުރު ދެ ބުރެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވައި، ބ. ކިހާދޫގައި ހިންގި ފުރަތަމަ ތަމްރީނު ނިންމި ކުދިންގެ ތެރެއިން 63 ކުއްޖަކު ހަ ދާއިރާއަކުން ކުރިއަށް އޮތް ތާނގައި ދަސްވެނިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. "ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ" ނުވަތަ ދިވެހި ވަޠަނީ ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، ޤައުމުގެ ކުރިމަގު ބިނާކުރުމަށާއި ޒުވާނުން ބާރުވެރިކުރުވައި މަސައްކަތުގެ ހުނަރާއި ރިވެތި ސުލޫކު އަށަގެންނެވުމަށް ފެށްޓެވި ވަރަށް މުހިންމު ސިޔާސަތެކެވެ.
މީގެ ކުރިން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގެ ފުރަތަމަ ބުރުންވެސް 346 ޒުވާނުން ވަނީ ދަސްވެނިވެފައެވެ. ފުރަތަމަ ޕްރޮގްރާމްގެ އަސާސީ ތަމްރީނުތައް ނިންމި ދަރިވަރުންގެ ތެރެއިން 66 ދަރިވަރަކު ފަންނީ ތަމްރީނުތަކުގައި ބައިވެރިވުމަށް ނިންމާފައިވާއިރު، އެއީ 38 ރަށަކަށް ނިސްބަތްވާ އުމުރުން 15 އަހަރާއި 19 އަހަރާ ދެމެދުގެ ޒުވާނުންކަން ފާހަގަކޮށްލެވެއެވެ. ސަރުކާރުގެ އަމާޒަކީ މިފަދަ ޕްރޮގްރާމްތަކުގެ ތެރެއިން ޤައުމަށް ޚިދުމަތްކުރުމުގެ ރޫޙުހުރި، ޤާބިލު ޖީލެއް އުފެއްދުމެވެ.