ޚަބަރު

ހަ ބުރު ވޯޓުލައި، މަހިބަދޫ ކައުންސިލްގެ ނައިބު ރައީސަކު އިންތިޚާބު ނުކުރެވި މަސައްކަތްތަކަށް ހުރަސްއެޅިއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: އދ. މަހިބަދޫ ކައުންސިލް އިދާރާ

އދ. މަހިބަދޫ ކައުންސިލަށް އަލަށް އިންތިޚާބުވި މެމްބަރުން މަޤާމުގެ ހުވާކުރެއްވުމަށް ފަހު، އެ ކައުންސިލްގެ ނައިބު ރައީސަކު ކަނޑައެޅުމަށް ބޭއްވި ޖަލްސާގައި ހަ ފަހަރެއްގެ މަތިން ވޯޓު ނަގައިގެން ވެސް ނަތީޖާ އެއްވަރުވުމާ ގުޅިގެން، ކައުންސިލްގެ ރަސްމީ މަސައްކަތްތައް ނުފެށި މަޑުޖެހިއްޖެއެވެ.

Ads by Allied

އިއްޔެ މަޤާމާ ހަވާލުވި ފަސް މެމްބަރުންގެ މެދުގައި ނައިބު ރައީސްކަމަށް ވާދަކުރެއްވީ ތިން ބޭފުޅެކެވެ. އެއީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ތަމްސީލުކުރައްވާ ޒައީމާ މުޙައްމަދާއި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން މުހައްމަދު މައުމޫންގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރެއްވި ބުންޏާމީން ހަސަނެވެ.

ފުރަތަމަ ނެގުނު ވޯޓުގައި އެމްޑީޕީގެ ކެންޑިޑޭޓް ޒައީމާ އަދި ޕީއެންސީގެ ކެންޑިޑޭޓް މައުމޫނަށް، ކޮންމެ ބޭފުޅަކަށް ދެ ވޯޓު ލިބިވަޑައިގެންނެވިއިރު، އަމިއްލަ މެމްބަރު ބުންޏާމީނަށް ލިބިވަޑައިގަތީ އެންމެ ވޯޓެކެވެ. އެންމެ ކުރި ހޯއްދެވި ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމުން، މައްސަލަ ހައްލުކުރުމަށް އިތުރު ފަސް ބުރެއްގެ މަތިން ވޯޓުލުން ކުރިއަށް ގެންދިޔައެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު ވެސް ޒައީމާ އާއި މައުމޫނަށް ދެ ވޯޓު ލިބިފައިވާއިރު، އަނެއް ވޯޓު ވަނީ ބާތިލުވެފައެވެ.

ލޯކަލް ކައުންސިލްތަކުގެ ގާނޫނު ބަޔާންކުރާ ގޮތުން، އާ ދައުރަކަށް މެމްބަރުން އިންތިޚާބުވުމަށްފަހު ބާއްވާ އެންމެ ފުރަތަމަ ބައްދަލުވުމުގައި ކައުންސިލްގެ ނައިބު ރައީސަކު އިންތިޚާބުކުރަން ލާޒިމުވެއެވެ. އަދި ކައުންސިލްގެ އިދާރީ ހިންގުން ފެށޭނީ މި މަރުހަލާ ފުރިހަމަވުމަށްފަހުގައެވެ. މިހާތަނަށް މި މައްސަލައަށް ހައްލެއް ލިބިފައިނުވާތީ، މިއަދު މެންދުރުފަހު އެކެއް ޖަހާއިރު އަލުން ވޯޓުލުމެއް ބޭއްވުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.

Ads by Allied Insurance