އިންޑިއާގައި އުފެއްދުންތެރިކަމާއި އީޖާދީ މަސައްކަތްތައް ފުޅާކުރުމަށް ނެދަލޭންޑްސްގެ ކުންފުނިތަކަށް މޯދީ ދައުވަތު ދެއްވައިފި
އިންޑިއާގައި ހުރި ފަހި ފުރުސަތުތަކުގެ ބޭނުންހިފައި، އެ ގައުމުގައި އާ އީޖާދުތައްކޮށް އުފެއްދުންތެރިކަން ކުރިއެރުވުމަށް ނެދަލޭންޑްސް (ޑަޗް) ކުންފުނިތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހޮނިހިރު ދުވަހު ދައުވަތު ދެއްވައިފިއެވެ.
ސީއީއޯ ރައުންޑްޓޭބަލްގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ، މިއަދުގެ އިންޑިއާއަކީ ސާބިތުކަމާއި ތަރައްގީގެ ފުރިހަމަ ނަމޫނާއެއް ކަމަށެވެ. އަދި އުމްރާނީ ތަރައްގީ އާއި، ސާފު ހަކަތައިގެ ދާއިރާގެ އިތުރުން ގުޅުންތައް ބަދަހިކުރުމުގައި އިންޑިއާ ހޯދަމުންދާ ހަލުވި ކުރިއެރުމާ ދުނިޔޭގެ އެހެން އެއްވެސް ގައުމަކަށް އަރާނުހަމަކުރެވޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ އިގްތިސާދީ ކުރިއެރުމުގެ 17 އިންސައްތަ އިންޑިއާއިން ހިއްސާކުރަނީ މި ސަބަބާ ހުރެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.
މެދުކެނޑުމެއްނެތި ގެންނަމުންދާ އިސްލާހީ ބަދަލުތަކާއެކު އިންޑިއާގެ އިގްތިސާދީ މިސްރާބު ސަރުކާރުން ބަދަލުކޮށްލާފައިވާކަން ފާހަގަކުރައްވައި މޯދީ ވިދާޅުވީ، އަމިއްލަ ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ޖައްވީ ދާއިރާ އާއި، މައިނިންގ އަދި ނިއުކްލިއަރ ހަކަތައިގެ ދާއިރާ އަމިއްލަ ފަރާތްތަކަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
"ވިޔަފާރިކުރުމަށް އޮންނަ ފުރުސަތުތައް އަޅުގަނޑުމެން މިދަނީ އިތުރަށް ފަހިކޮށްދެމުން. އަދި ޓެކުހުގެ ނިޒާމަށާއި، މަސައްކަތްތެރިންގެ ގާނޫނުތަކުގެ އިތުރުން ހިންގުމުގެ ނިޒާމަށް ޒަމާނީ ބޮޑެތި ބަދަލުތަކެއް ވަނީ ގެނެވިފައި،" ރައުންޑްޓޭބަލްގައި ބައިވެރިވި ވިޔަފާރިވެރިންނަށް މައުލޫމާތު ދެއްވަމުން މޯދީ ވިދާޅުވިއެވެ.
މީގެ އިތުރުން، އިންޑިއާގައި ތަކެތި އުފެއްދުމުގެ ހަރަދު ވަރަށް ބޮޑަށް ކުޑަވަމުން އަންނަ ކަމަށާއި، ހުނަރުވެރި މަސައްކަތްތެރިންގެ ސަބަބުން ހިދުމަތުގެ ދާއިރާއަކީ އީޖާދީ އަދި ހަރުދަނާ ދާއިރާއަކަށް ވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދުނިޔޭގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން އިންޑިއާގައި އެފަރާތްތަކުގެ ގްލޯބަލް ކެޕަބިލިޓީ ސެންޓަރުތައް ހުޅުވާފައިވާކަންވެސް މޯދީ ފާހަގަކުރެއްވިއެވެ.
"އިންޑިއާގައި އާ އީޖާދުތައްކޮށް ފަރުމާކުރުމަށް ތިޔަ ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެން ދައުވަތު އަރުވަން. މިއަށްވުރެ ރަނގަޅު ވަގުތެއް ދެން ނާންނާނެ،" މޯދީ ވިދާޅުވިއެވެ.
އިންޑިއާ އާއި ވިލާތުގެ އިއްތިހާދާ ދެމެދު ގާއިމުކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަލިއަޅުއްވާލައްވައި މޯދީ ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެޓިކް އަދި ޒިންމާދާރު ދެ ބާރުގެ ދެމެދުގައި ވެވޭ މި އެއްބަސްވުމަކީ ގުޅިގެން ހޯދާ ތަނަވަސްކަމުގެ ވަރުގަދަ ބިންގަލަކަށް ވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން، އިންޑިއާ އާއި ނެދަލޭންޑްސްއާ ދެމެދު އޮތް އިތުބާރު ހިފޭ ގުޅުން، ސްޓްރެޓީޖިކް ގުޅުމަކަށް ބަދަލުކުރުމަށް ދެ ގައުމުން ތައްޔާރުވަމުން އަންނަ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. އަދި ދެ ގައުމުގެ ގުޅުމުގެ މުސްތަގުބަލު ކުރިއަށްވުރެ މާ އުޖާލާކަމަށްވެސް އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި ނެދަލޭންޑްސްގެ ބޮޑުވަޒީރު ރޮބް ޖެޓެން ވަނީ، ގުޖަރާތުގެ ދޮލޭރާގައި ގާއިމުކުރާ ސެމިކޮންޑަކްޓަރ ފެބްއަށް އެހީތެރިވުމުގެ ގޮތުން ޓާޓާ އިލެކްޓްރޯނިކްސް އާއި އޭއެސްއެމްއެލްއާ ދެމެދު ވެވުނު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
ޑަޗް މަލްޓިނޭޝަނަލް ކުންފުންޏެއް ކަމަށްވާ އޭއެސްއެމްއެލްއަކީ ސެމިކޮންޑަކްޓަރ ޗިޕް އުފެއްދުމަށް ބޭނުންވާ އެންމެ މުހިންމު އެއް އާލާތް ކަމަށްވާ ހައި-ޕްރިސިޝަން ލިތޯގްރަފީ އިކުއިޕްމަންޓް ފޯރުކޮށްދޭ ދުނިޔޭގެ އެންމެ ކުރީސަފުގެ އެއް ކުންފުންޏެވެ. އަދި ޓާޓާ ގްރޫޕުގެ ދަށުން ހިންގާ ޓާޓާ އިލެކްޓްރޯނިކްސްއަކީ ގުޖަރާތުގައި ސެމިކޮންޑަކްޓަރ އުފައްދާ ކާރުހާނާއެއް ގާއިމުކުރަމުން އަންނަ އިންޑިއާގެ ކުންފުންޏެކެވެ.