މާލޭގައި ކާބޯތަކެއްޗާއި ޒަރޫރީ މުދަލުގެ އަގުތައް އެޕްރީލް މަހު މަތިވި
މާލޭ މާރުކޭޓާއި ފިހާރަތަކުން ވިއްކާ ކާބޯތަކެއްޗާއި ޒަރޫރީ ބައެއް މުދަލުގެ އަގުތައް، ފާއިތުވި މާރިޗު މަހާ އަޅާބަލާއިރު އެޕްރީލް މަހު ވެސް އުފުލިފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް)އިން ބުނެފިއެވެ.
އެމްބީއެސް އިން ނެރުނު "އެސެންޝަލް ކޮމޮޑިޓީސް ޕްރައިސް އިންޑެކްސް"(އީސީޕީއައި)ރިޕޯޓަށް ބަލާއިރު، މާރިޗު މަހާ އަޅާބަލާއިރު އެޕްރީލް މަހު މާލޭގެ ޒަރޫރީ މުދަލުގެ އަގުތައް ވަނީ %1.06އިތުރުވެފައެވެ. އަދި ފާއިތުވި 2025ވަނަ އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު، މިއަހަރުގެ އެޕްރީލް މަހު އަގުތައް ހުރީ %4.40މަތީގައެވެ.
ކާބޯތަކެތީގެ ތެރެއިން އެންމެ ބޮޑު އުފުލުމެއް އައިސްފައިވަނީ މަހުގެ ބާވަތްތަކުގެ އަގަށެވެ. މަހުގެ ބާވަތްތަކުގެ އަގު ވަނީ %14.58އަށް އުފުލިފައެވެ. މީގެ އިތުރުން ކައްކާ ތެލާއި ފެޓްސްގެ ހިމެނޭ ބާވަތްތަކުގެ އަގު ވަނީ %4.90މަތިވެފައެވެ.
އެމްބީއެސް އިން ބުނި ގޮތުގައި ބައެއް ބާވަތްތަކުގެ އަގު މަތިވި ނަމަވެސް، ތަރުކާރީ އާއި މޭވާގެ އަގު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން ތަރުކާރީގެ އަގުތަކުން %3.79ދަށްވެފައިވާއިރު، މޭވާގެ އަގުތަކުން ވަނީ %3.08ގެ ލުޔެއް ލިބިފައެވެ.
ކާބޯތަކެތީގެ އިތުރުން، ގޭހާއި އެހެނިހެން ފިއުލްގެ އަގުތައް ވަނީ މާރިޗު މަހާ އަޅާބަލާއިރު %0.53މަތިވެފައެވެ. ނަމަވެސް، މިދިޔަ އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު ގޭހުގެ އަގު ވަނީ %14.54ގެ ބޮޑުތައް އުފުލިފައެވެ. އަދި މީގެ އިތުރުން، އަމިއްލަ ސާފުތާހިރުކަމަށް ބޭނުންކުރާ ސާމާނުގެ އަގުތައްވެސް ވަނީ މަހުން މަހަށް %0.89މަތިވެފައެވެ.