ވިޔަފާރި

ލަންކާއަށްދާ ދިވެހިންގެ އަތުން ނަގާ ވިސާ ފީ މައާފުކޮށްދީފި

ފާތިމަތު އަފްނާން ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ލަންކާގެ ރައީސް

ސްރީލަންކާ ސަރުކާރުން ހޮވާލެވުނު 40 ގައުމެއްގެ އިތުރުން ރާއްޖެ ހިމެނޭހެން ޚާއްސަ ހިލޭ ވިސާ ސިޔާސަތަކަށް މިއަދުން ފެށިގެން ތަންފީޒު ކުރަން ފަށައިފިއެވެ.

Ads by Allied

ސްރީލަންކާއިން އީޓީއޭ ފީގެ ގޮތުގައި ނަގަމުންދިއީ އޮންލައިންކޮށް ހުށަހަޅާނަމަ 50 އެމެރިކާ ޑޮލަރެވެ. އަދި ލަންކާގެ އެއާޕޯޓަށް ގޮސް ނަގާނަމަ 60 އެމެރިކާ ޑޮލަރުގެ ފީއެކެވެ.

ލަންކާގެ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، މި އާ އުސޫލުގެ ދަށުން ޝަރުތުހަމަވާ ގައުމުތަކުގެ ދަތުރުވެރިންނަށް "އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން" ސިސްޓަމް މެދުވެރިކޮށް 30 ދުވަހުގެ ޓޫރިސްޓް ވިސާ މުޅިން ހިލޭ ލިބޭނެއެވެ.

މި ހިލޭ އީޓީއޭ ޕްރޮގްރާމްގައި ހިމެނޭ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، ކެނެޑާ، ޗައިނާ، ފްރާންސް، ޖަރުމަނު، އިންޑިއާ، އިނގިރޭސިވިލާތް އަދި އެމެރިކާ ފަދަ ބޮޑެތި ގައުމުތައް ހިމެނެ އެވެ. މި ގައުމުތަކުގެ ޑިޕްލޮމެޓިކް، އޮފިޝަލް، ސާވިސް ނުވަތަ އާދައިގެ ޕާސްޕޯޓް ގެންގުޅޭ ފަރާތްތަކަށް ވެސް މި ލުއި ލިބިގެންދާނެއެވެ.

ވިސާ ފީ ކަނޑާލި ކަމުގައިވީ ނަމަވެސް، ލަންކާ އަށް އެތެރެވުމުގެ ކުރިން ކޮންމެ ބޭރު ގައުމެއްގެ ރައްޔިތަކު ވެސް އީޓީއޭ ހޯދުން މަޖުބޫރެވެ. މީގެ ތެރޭގައި ލަންކާއާއެކު ދެ ފަރާތުގެ އެއްބަސްވުންތައް އޮންނަ ރާއްޖެ އާއި ސީޝެލްސް އަދި ސިންގަޕޫރުގެ ރައްޔިތުން ވެސް ހިމެނެއެވެ.

މި ބަދަލާއެކު، ދިވެހިރާއްޖެ، ސީޝެލްސް، އަދި ސިންގަޕޫރުގެ ރައްޔިތުން ހުށަހަޅާ އީޓީއޭ އެޕްލިކޭޝަންތައް ވެސް އެއްވެސް ފީއަކާ ނުލައި މިއަދުން ފެށިގެން ޕްރޮސެސް ކޮށްދޭނެއެވެ. ނަމަވެސް، 25 މޭ 2026 ގެ ކުރިން އީޓީއޭ ފީ ދައްކާފައިވާ ފަރާތްތަކަށް އެ ފައިސާ އަނބުރާ ނުލިބޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މި އާ އިންތިޒާމުގެ ދަށުން ލިސްޓްގައިވާ އެހެން ގައުމުތަކުގެ ފަތުރުވެރިންނަށް ލަންކާގައި ތިބެވޭނީ 30 ދުވަހުގެ މުއްދަތަށެވެ. އެހެންނަމަވެސް، ދިވެހި ރައްޔިތުންނަށް ލަންކާގައި 90 ދުވަހުގެ މުއްދަތަށް ތިބުމުގެ ހުއްދަ ލިބޭނެއެވެ. މީގެ އިތުރުން ވިސާގެ މުއްދަތުގައި ދެ ފަހަރު އެތެރެވުމުގެ ހުއްދަ ވެސް ދަތުރުވެރިންނަށް ލިބިގެންދާނެއެވެ.

Ads by Allied Insurance