ޚަބަރު

މާލެ ސަރަހައްދުގެ ބޮޑު ޖަމާޢަތްތަކުގައި ޢީދު ނަމާދުކުރާނެ އިމާމުން ކަނޑައަޅައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ

ކުރިއަށް އޮތް އަޟްޙާ ޢީދު ދުވަހުގެ ހެނދުނު 7:00 ގައި މާލެ ސަރަހައްދުގެ ހަތަރު މައިދާނެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢީދު ނަމާދުގެ ބޮޑު ޖަމާޢަތްތަކުގައި އިމާމުވެ ނަމާދުކުރައްވާނެ ބޭފުޅުންގެ ނަންތައް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އާންމުކުރައްވައިފިއެވެ.

Ads by Allied

އެ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މާލޭގެ މާފަންނު ސްޓޭޑިއަމްގައި އޮންނަ ބޮޑު ޖަމާޢަތުގައި އިމާމުވެ ނަމާދުކުރައްވާނީ އައްޝައިޚް ޢަބްދުﷲ ސަޢުދާނެވެ. ވިލިމާލޭގެ ފުޓުބޯޅަ ދަނޑުގައި އަލްޤާރީ އަޙްމަދު ރިޔާޟް ނަމާދުކުރައްވާއިރު، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ސިންތެޓިކް ޓްރެކްގައި ނަމާދުކުރައްވާނީ އައްޝައިޚް ނަޞްރުﷲ ޢަލީއެވެ. މީގެ އިތުރުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކުޅިވަރު އެކުވެނީގައި އޮންނަ ޖަމާޢަތުގެ ޚަތީބަކީ ޒުވާން އިމާމު އަލްޙާފިޡް މުޙައްމަދު ޙަނޫން ޙުސައިންނެވެ.

ބޮޑު ޖަމާޢަތުގެ އިތުރުން، މާލޭގެ ބޮޑު ދެ މިސްކިތެއްގައިވެސް ޢީދު ނަމާދުގެ ޖަމާޢަތް އޮންނާނެއެވެ. އެގޮތުން، އިސްލާމީ މަރުކަޒުގައި ޢީދު ނަމާދުކުރައްވާނީ އިސް އިމާމު އައްޝައިޚް މުޙައްމަދު ލަތީފެވެ. އަދި މަސްޖިދުލްމަލިކި ސަލްމާންގެ ޚަތީބަކީ އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަނެވެ.

މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ހުސް މައިދާންތަކުގައި ނަމާދުކުރެވޭގޮތް ނުވެއްޖެ ހާލަތެއްގައި، މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ވެސް ޢީދު ނަމާދުކުރުން ކުރިއަށްދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މި އަހަރުގެ އަޟްޙާ ޢީދު ދުވަހަކީ ހިނގަމުންމިދާ މަހުގެ 27ވަނަ ދުވަހެވެ.

Ads by Allied Insurance