ޚަބަރު

ދެޖިންސު މަސްހުނިނުވެ، ދީނާ ބީރައްޓެހި ސަޤާފަތްތަކުން ދުރުހެލިވެ ޢީދުގެ އުފާ ފާޅުކުރުމަށް ޚުޠުބާގައި ގޮވާލައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ޢީދުގެ ކުޅިވަރުތަކާއި އުފާފާޅުކުރުންތައް އިސްލާމީ ޝަރީޢަތުގެ އިމުގެ ތެރޭގައި ބޭއްވުމަށާއި، ދެޖިންސު މަސްހުނިނުވެ، ދީނާ ބީރައްޓެހި ސަޤާފަތްތަކުން ދުރުހެލިވުމަށް މިއަދުގެ ޢީދު ޚުޠުބާގައި ގޮވާލައިފިއެވެ.

Ads by Allied

"ޢީދުގެ އަދަބުތައް" މި ނަމުގެ މައްޗަށް ބިނާކޮށް ދިން ޚާއްޞަ ދަރުސްގައި އަލިއަޅުވާލާފައި ވަނީ، އުފާކުރުމުގެ ނަމުގައި ދީނީ މިންގަނޑުތައް މުގުރާލުމުގެ ނުރައްކާތެރިކަމަށެވެ. އެގޮތުން، މީހުންނަށް ފުރައްސާރަކުރުމާއި، ދެޖިންސު އެކުވެ މަސްހުނިވުމުގެ އިތުރުން ފިރިހެނުން އަންހެން ހެދުން އަދި އަންހެނުން ފިރިހެން ހެދުން އެޅުން ފަދަ ނޭދެވޭ ޢަމަލުތަކުން ދުރުވުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ޢީދު ހަރަކާތްތައް ރާވައި ހިންގާ ފަރާތްތަކުން ވެސް ޣައިރު ދީންތަކުގެ އާދަތަކާ އެއްގޮތްވާ ކަންކަމަށް ފުރުސަތު ނުދީ، މާތް ﷲ އަށް ބިރުވެތިވުމަށް ވަނީ އަންގާފައެވެ.

މިއަދަކީ އަހަރުގެ އެންމެ މަތިވެރި އެއް ދުވަސްކަން ފާހަގަކުރަމުން، ޙައްޖު މަހުގެ 13ވަނަ ދުވަހާ ހަމައަށް ގޭތެރޭގައްޔާއި އާންމު ތަންތަނުގައި ތަކުބީރުގެ އަޑު އުފުލުމަކީ މާތްވެގެންވާ ސުންނަތެއްކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ. މީގެ އިތުރުން، އުޟްޙިޔާ ކަތިލުމަކީ އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނު މާތް ﷲގެ އަމުރުފުޅަށް ކިޔަމަންތެރިކަން އަދާކުރެއްވި މިންވަރު އަންގައިދޭ، އަދި އިސްލާމީ ޝަރީޢަތުގައި ނުހަނު ބާރުއަޅުއްވާފައިވާ މުހިންމު އަޅުކަމެއްކަން ވަނީ ބަޔާންކޮށްފައެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ވެސް ޢީދުގެ ތަހުނިޔާ ކިޔައި، އެ އުފާވެރިކަން ހިއްސާކުރުމަށް ބާރުއަޅަމުން، ޚުޠުބާގައި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނިކަމެތިކަމާއި އަނިޔާވެރިކަން ތަހައްމަލުކުރަމުންދާ މުސްލިމު އަޚުންނާއި އުޚުތުން މަތިން ހަނދާން ނައްތާނުލުމަށް އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް ޤަތުލުޢާންމުތަކާއި ހައިހޫނުކަމާ ކުރިމަތިލާންޖެހިފައިވާ ފަރާތްތަކަށް ނަޞްރާއި ކާމިޔާބީ އެދި ދުޢާކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެއްކަމުގައި ސިފަކުރިއެވެ.

ނިންމާލުމުގެ ގޮތުން، ޚުޠުބާގައި ވަނީ ޤިޔާމަތް ދުވަހުގެ ބިރުވެރިކަމާއި އެ ދުވަހުން މީސްތަކުން މަޙުޝަރު ކުރެވޭނެ ގޮތް ތަޞައްވުރުކުރުމަށް ނަސޭހަތްތެރިވެފައެވެ. ބޮޑާކަމާއި، ޙަސަދަވެރިކަމުން ހިތްތައް ސާފުކޮށް، އެކަކު އަނެކަކަށް މަޢާފުކޮށް، ސަލާމަތްތެރި ހިތަކާއެކު މެނުވީ މާތް ﷲގެ ޙަޟްރަތުން ސަލާމަތްކަން ނުލިބޭނެކަން ހަނދާންކޮށްދެމުން، މިއަދުގެ ބޮޑު ޖަމާޢަތަކީ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ނަމޫނާއަކަށް ހެދުމަށް ވަނީ ގޮވާލާފައެވެ.

Ads by Allied Insurance