ދަރަންޏާއި ދިފާޢީ ޚަރަދުތައް އިންތިހާއަށް އިތުރުވެ، ޕާކިސްތާނުގެ މާލީ ކާރިސާ އިތުރަށް ގޯސްވެއްޖެ
ދަރަނި އިތުރުވުމާއި، އަސްކަރީ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގެ މާލީ ޙާލަތު ވަނީ ތާރީޚުގައި ވެސް ނުދެކޭ ފަދަ ނާޒުކު ފައްތަރަކަށް ވެއްޓިފައެވެ. ސަރުކާރުން އިޤްތިޞާދު ރަނގަޅުވަމުން އަންނަ ކަމަށް ބުނި ނަމަވެސް، ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ފެންނަނީ ވަރަށް ކަންބޮޑުވާންޖެހޭ މަންޒަރެކެވެ. އެގައުމުގެ އިޤްތިޞާދު މުޅިންހެން ބިނާވެފައިވަނީ ދަރަނި އަދާކުރުމަށާއި އަސްކަރީ ޚަރަދުތަކުގެ މައްޗަށެވެ. އަދި މާލީ ގޮތުން ފުނޑުފުނޑުވިޔަ ނުދިނުމަށްޓަކައި ބޭރުގެ ލޯނުތަކަށް ވަނީ ބަރޯސާވާން ޖެހިފައެވެ.
2024-25 ވަނަ މާލީ އަހަރު ނިމުނުއިރު ޤާނޫނުހަދާ މަޖިލީހަށް ހުށަހެޅި ހިސާބުތައް ދައްކާގޮތުން، ޖީޑީޕީގެ ނިސްބަތުން ދަރަނި ވަނީ 71.7 އިންސައްތައަށް އުފުލިފައެވެ. މިއީ އޭގެ ކުރީ އަހަރު ހުރި 67.6 އިންސައްތައާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. އަދި ހަމައެކަނި ސަރުކާރުގެ ދަރަނި ވެސް ޖީޑީޕީގެ 64.3 އިންސައްތައަށް ވަނީ އަރާފައެވެ. ފިސްކަލް ރެސްޕޮންސިބިލިޓީ އެންޑް ޑެޓް ލިމިޓޭޝަން އެކްޓުގެ ދަށުން، މި ނިސްބަތް 2024 ވަނަ އަހަރު 56.75 އިންސައްތައަށް އަދި 2025 ވަނަ އަހަރު 56 އިންސައްތައަށް ތިރިކުރަން ކަނޑައަޅާފައި އޮތް ނަމަވެސް، އެއީ މިހާރު ޙާޞިލުވާނެ ކަމެއް ކަމަކަށް ނުބެލެވެއެވެ.
އަދަދުތަކުން ބަލާއިރު، ދައުލަތުގެ ޖުމްލަ ދަރަނި އެންމެ އަހަރެއްގެ ތެރޭގައި 9.3 ޓްރިލިއަން ރުޕީސް ވަނީ އިތުރުވެފައެވެ. އެއީ 2024 ވަނަ އަހަރު ހުރި 71.25 ޓްރިލިއަން ރުޕީސް އިން 2025 ވަނަ އަހަރު 80.52 ޓްރިލިއަން ރުޕީސްއަށް މައްޗަށް ދިއުމެވެ. މިއީ ގާތްގަނޑަކަށް 13 އިންސައްތައިގެ ކުރިއެރުމެކެވެ. މިކަން މިހެން ދިމާވީ އެތެރޭގެ ލޯނުތަކުގެ އިންޓަރެސްޓް ބޮޑުވުމާއި އަހަރުތަކެއް ވަންދެން ދަރަނި ފުނިޖެހެމުން ދިއުމުގެ ސަބަބުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
މިކަމުގެ ބުރަ އެންމެ ބޮޑަށް އުފުލަންޖެހިފައިވަނީ އާންމު ރައްޔިތުންނަށެވެ. ބޮލަކަށް ޖެހޭ ދަރަނީގެ ނިސްބަތް ވަނީ 294,098 ރުޕީސް އިން 333,041 ރުޕީސްއަށް މައްޗަށް ގޮސްފައެވެ. 1958 ވަނަ އަހަރުގެ އޮކްޓޯބަރާ ހަމައަށް ޕާކިސްތާނަކީ ދަރަނި ނެތް، ޚަރަދުކުޑަ ސިޔާސަތެއް ގެންގުޅުނު ޤައުމެއް ނަމަވެސް، މިއަދު އެ ޤައުމުގެ ބޭރުގެ ދަރަނި 140 ބިލިއަން ޑޮލަރާ ގާތްކުރެއެވެ. ފެޑެރަލް ބަޖެޓުގެ ބޮޑު ބައެއް ދަރަނި އަދާކުރުމަށާއި އަސްކަރިއްޔާއަށް ހޭދަކުރަން ޖެހުމުން، ތަރައްޤީއަށާއި އިޖުތިމާޢީ ރައްކާތެރިކަމަށް ކުރާނެ ޚަރަދެއް ނޯވެއެވެ.
މިއީ ހަމައެކަނި މާލީ މައްސަލައެއް ނޫނެވެ. އިޤްތިޞާދީ މާހިރުން ފާހަގަކުރާ ގޮތުގައި، ޕްރައިވެޓް ފަރާތްތަކުން ނުދައްކާ ލޯނުތައް ދައުލަތުގެ ބޮލުގައި އެޅުމާއި، ސިޔާސީ ނުފޫޒުން ލޯނު ނެގުމާއި އަދި ކޮރަޕްޝަން އެކުލެވޭ މަޝްރޫޢުތަކުގެ ސަބަބުން ދަރަނީގެ މައްސަލަ ވަނީ މޫލާފައެވެ. މިކަންކަމާ ގުޅިގެން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ވަނީ ޕާކިސްތާނާ މެދު ހަރުކަށި ސިޔާސަތެއް ގެންގުޅެން ފަށާފައެވެ. ޚަރަދުތައް ކޮންޓްރޯލް ނުކުރެވުމާއި، މަޖިލީހުގެ ފާރަވެރިކަން ކުޑަވުމަކީ އައިއެމްއެފްގެ ކަންބޮޑުވުންތަކެކެވެ. ބޮޑެތި އިޞްލާޙުތަކެއް ނުގެނެސްފިނަމަ، ދަރަނި ނުދެއްކި، ޤައުމު ބަނގުރޫޓުވުމުގެ ބިރު އެބައޮތް ކަމަށް ތަޖުރިބާކާރުން އިންޒާރުދެއެވެ.
މެކްރޯ އިޤްތިޞާދީ ޙާލަތު ވެސް ދަނީ ދަށަށެވެ. އޭޕްރީލް މަހު އިންފްލޭޝަން ވަނީ 10.9 އިންސައްތައަށް އަރާފައެވެ. މިއީ ވޭތުވެދިޔަ 21 މަސްދުވަހުގެ ތެރޭގައި އިންފްލޭޝަން މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މީގެ ރައްދުގައި މަރުކަޒީ ބޭންކުން ވަނީ ޓްރެޝަރީ ބިލްތަކުގެ ޔީލްޑް 83 ބޭސިސް ޕޮއިންޓަށް މައްޗަށް ޖައްސާފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ފައިސާ ހޯދުމުގެ އަގުބޮޑުވެ، ދަރަނި އަދާކުރުމުގެ ބުރަ ވަނީ ބޮޑުވެފައެވެ. 2026 ވަނަ މާލީ އަހަރުގެ ބަޖެޓުގައި ދަރަނި އަދާކުރުމަށް 8.2 ޓްރިލިއަން ރުޕީސް ކަނޑައަޅާފައިވާއިރު، މިއީ ޖުމްލަ ފެޑެރަލް ޚަރަދުގެ 46.7 އިންސައްތައެވެ. އެހެންކަމުން، ސަރުކާރުން ޚަރަދުކުރާ ކޮންމެ ދެ ރުޕީސްއަކުން އެއް ރުޕީސް ހޭދަކުރެވެނީ ކުރީގެ ދަރަނިތައް ދެއްކުމަށެވެ.
މާލީ ބާޒާރުތަކަށް ވެސް މިކަމުގެ ނުރަނގަޅު އަސަރު ވަނީ ކޮށްފައެވެ. އޭޕްރީލް 30 އަށް ނިމުނު ހަފްތާގައި ކޭއެސްއީ-100 އިންޑެކްސް ވަނީ 4.5 އިންސައްތަ ދަށަށް ގޮސްފައެވެ. މިއީ އިންޓަރެސްޓް ރޭޓް ބޮޑުވުމުގެ އިތުރުން މެދުއިރުމަތީގެ ނުތަނަވަސްކަމާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން އައި ބަދަލެކެވެ. ބޮޑުވަޒީރު ވިދާޅުވި ގޮތުގައި، ހަފްތާއެއްގެ މައްޗަށް ތެޔޮ އެތެރެކުރަން ކުރިން 300 މިލިއަން ޑޮލަރު ޚަރަދުވިޔަސް، މިހާރު އެ ޢަދަދު ވަނީ 800 މިލިއަން ޑޮލަރަށް އަރާފައެވެ. ޕާކިސްތާނަށް ބޭނުންވާ ތެލުގެ 80 އާއި 85 އިންސައްތައާ ދެމެދުގެ މިންވަރަކީ އިމްޕޯޓުކުރާ ތެޔޮ ކަމަށްވާއިރު، މަހެއްގެ މައްޗަށް ހަކަތައަށް ކުރާ ޚަރަދު މިހާރު އުޅެނީ 3.5 ބިލިއަން ޑޮލަރާއި 4.5 ބިލިއަން ޑޮލަރާ ދެމެދުގައެވެ. މިއީ ކުރިން ހޭދަވި މިންވަރަށް ވުރެ ތިން ގުނަ އިތުރު ޢަދަދެކެވެ. ތެލުގެ އަގު އިތުރަށް އުފުލިއްޖެނަމަ އިންފްލޭޝަން މައްޗަށް ގޮސް، ވިޔަފާރީގެ ޑެފިސިޓް ބޮޑުވާނެއެވެ.
ބޭރުގެ ފައިސާގެ ދަތިކަން ވެސް އިންތިހާއަށް ބޮޑެވެ. 2026 ވަނަ މާލީ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ދައުލަތުގެ ޖުމްލަ ދަރަނި 81.3 ޓްރިލިއަން ރުޕީސްއަށް އަރާފައިވާއިރު، ޖީޑީޕީގެ ނިސްބަތުން ދަރަނި ހުރީ 70.7 އިންސައްތައިގައެވެ. މިއީ ޤާނޫނީ ގޮތުން ކަނޑައަޅާފައިވާ 60 އިންސައްތައިގެ ލިމިޓަށްވުރެ މާ މަތީ ޢަދަދެކެވެ. ބޭރުގެ ދަރަނި 91.8 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، މީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނައީ އައިއެމްއެފް ފަދަ ބައިނަލްއަޤްވާމީ އިދާރާތަކުން ނަގާފައިވާ ލޯނެވެ.
ބޭރުގެ ފައިސާއިން ބޭނުންވާ މިންވަރު 25 ބިލިއަން ޑޮލަރަށްވުރެ މައްޗަށް ގޮސްފައިވާއިރު، 24 އޭޕްރީލް 2026 ގެ ނިޔަލަށް ބޭރު ފައިސާގެ ރިޒާވްގައި ހުރީ އެންމެ 15.83 ބިލިއަން ޑޮލަރެވެ. ޖޫން މަހުގެ ނިޔަލަށް ރިޒާވް 18 ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެވެނީ ބޭރުގައި އުޅޭ ޕާކިސްތާނު ރައްޔިތުން ފޮނުވާ ފައިސާއަށް ބިނާކޮށެވެ. ނަމަވެސް އެ ޢަދަދު ވެސް ވަނީ 41 ބިލިއަން ޑޮލަރަށް ދަށްކޮށްފައެވެ. މީގެ 55 އިންސައްތަ އަންނަނީ ގަލްފުގެ ޤައުމުތަކުން ކަމަށްވާއިރު، އެ ސަރަޙައްދުގެ ނުތަނަވަސްކަމުގެ ސަބަބުން މިކަމަށް އިތުރު ހުރަސްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.
ހަކަތައިގެ ދާއިރާގެ މައްސަލަތައް ވެސް ހަމަ އެހާ ބޮޑެވެ. 2026 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ސަރކިއުލަރ ދަރަނި ވަނީ 1.8 ޓްރިލިއަން ރުޕީސްއަށް އަރާފައެވެ. އައިއެމްއެފްގެ ޝަރުޠަކީ ޖޫން މަހުގެ ނިޔަލަށް މިއަދަދު 1.61 ޓްރިލިއަން ރުޕީސްއަށް ދަށްކުރުން ނަމަވެސް، ތެލުގެ އަގު އުފުލެމުންދާތީ ކަރަންޓުގެ އަގު ބޮޑުކުރަން މަޖުބޫރުވާނެއެވެ. މި ދަރަނީގެ ތެރޭގައި ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕެކް) މަޝްރޫޢުތަކާ ގުޅޭ 543 ބިލިއަން ރުޕީސް ހިމެނެއެވެ. މިކަންކަމަށް ފައިސާ ހަމަޖެއްސުމަށްޓަކައި ސަރުކާރުން ވަނީ ޕަބްލިކް ސެކްޓަރ ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ބަޖެޓުން ފައިސާ ކަނޑާފައެވެ.
ޕާކިސްތާނުގެ މާލީ އޮނިގަނޑަށް އެންމެ ބޮޑު ބުރައެއް އުފުލަންޖެހިފައިވާ އަނެއް ދާއިރާއަކީ ދިފާޢީ ޚަރަދުތަކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން 2021 ވަނަ އަހަރު 1.3 ޓްރިލިއަން ރުޕީސްގައި ހުރި އަސްކަރީ ބަޖެޓު، 2025 ވަނަ އަހަރު ވަނީ 2.2 ޓްރިލިއަން ރުޕީސްއަށް އިތުރުވެފައެވެ. މިއީ ހަތަރު އަހަރު ތެރޭގައި އައި 67 އިންސައްތައިގެ ކުރިއެރުމެކެވެ.
ކުރިއަށް އޮތް ތަނުގައި ވެސް މި ޚަރަދުތައް އިތުރުވާނެކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން މިއަހަރު 2.57 ޓްރިލިއަން ރުޕީސް، އަންނަ އަހަރު 2.87 ޓްރިލިއަން ރުޕީސް އަދި 2028 ވަނަ އަހަރު 3.2 ޓްރިލިއަން ރުޕީސްއަށް މި ޢަދަދު އަރާނެކަމަށް އަންދާޒާކުރެވެއެވެ. އަދި 2030 ވަނަ އަހަރު އަންނައިރު މިއަދަދު 3.96 ޓްރިލިއަން ރުޕީސްއަށް އަރާނެކަމަށް ލަފާކުރެވޭއިރު، މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު 80 އިންސައްތައިގެ ބޮޑުވުމެކެވެ.
އައިއެމްއެފްގެ ބާރު އޮތް ނަމަވެސް، ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް އެޗީވްމަންޓް ޕްރޮގްރާމްގެ ދަށުން ޕާލަމެންޓް މެމްބަރުންނަށް ދޭ 70 ބިލިއަން ރުޕީސް ފަދަ ސިޔާސީ ޚަރަދުތައް ކުޑަކުރެވިފައެއް ނުވެއެވެ. މީގެ އިތުރުން ސިވިލް އެޑްމިނިސްޓްރޭޝަނާއި ޕެންޝަން ޚަރަދުތައް ވެސް ދަނީ އިތުރުވަމުންނެވެ.
މާލީ ދަތިތަކުގެ ޒިންމާ ހަތްވަނަ ނޭޝަނަލް ފައިނޭންސް ކޮމިޝަން އެވޯޑްގެ ބޮލުގައި ސަރުކާރުން އެޅުވި ނަމަވެސް، އިޤްތިޞާދީ މާހިރުން ދެކޭގޮތުގައި އަސްލު މައްސަލައަކީ ޚަރަދުކުރާ ގޮތް ބަދަލުކުރުމާއި މިނިސްޓްރީތައް އިޞްލާޙުކުރުމަށް ސަރުކާރުން ފަސްޖެހުމެވެ.
ޚަރަދުތައް ކުޑަކޮށް، ދަރަނި މެނޭޖުކުރުމަށް އަސާސީ ބަދަލުތަކެއް ނުގެނެސްފިނަމަ، ޕާކިސްތާނު އޮންނާނީ ބޮޑުވަމުންދާ ދަރަނީގެ މަޅިއެއްގައި ތާށިވެ، ބޭރުގެ ޤައުމުތަކަށް ބަރޯސާވެފައެވެ. މެއި 8، 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑުގެ ބައްދަލުވުމުގައި މި ބަރޯސާވުން އިތުރަށް ހާމަވެގެންދާނެ ކަމަށް ބެލެވެއެވެ.