1.6 ގިގަވޮޓްގެ ކެޕޭސިޓީއާއެކު އޭޝިއާ ޕެސިފިކްގެ ދެވަނައަށް އެންމެ ބޮޑު ޑޭޓާ ސެންޓަރު މާކެޓަކަށް އިންޑިއާ ވެއްޖެ
ކުޝްމަން އެންޑް ވޭކްފީލްޑްގެ "ގްލޯބަލް ޑޭޓާ ސެންޓަރ މާކެޓް ކޮމްޕެރިޒަން 2026" ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ހައިޕަސްކޭލް ކްލައުޑް ޓެކްނޮލޮޖީގެ ބޭނުންކުރުން އިތުރުވުމުގެ ސަބަބުން، އިންޑިއާއަކީ އޭޝިއާ ޕެސިފިކް (އޭޕެކް) ސަރަހައްދުގައި ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް މާކެޓެވެ.
މި ރިޕޯޓުން ދައްކާގޮތުގައި 1.6 ގިގަވޮޓް (ޖީޑަބްލިއު) ގެ އޮޕަރޭޝަނަލް ކެޕޭސިޓީއަކާއެކު އިންޑިއާއަކީ އޭޕެކް ސަރަހައްދުގެ ދެވަނައަށް އެންމެ ބޮޑު ޑޭޓާ ސެންޓަރު މާކެޓެވެ. މީގެ އިތުރުން، އަލަށް އިމާރާތްކުރަމުންދާ އަދި ރޭވިފައިވާ 3.1 ޖީޑަބްލިއު ކެޕޭސިޓީއާއެކު، އިންޑިއާ އޮތީ މުޅި ދުނިޔެއިންވެސް ތަރައްގީގެ މިސްރާބުގައި އެންމެ ކުރީގައި އުޅޭ ތިން ގައުމުގެ ތެރޭގައެވެ.
މުޅި ދުނިޔޭގެ 107 މާކެޓެއް 24 މިންގަނޑަކުން ވަޒަންކޮށްފައިވާ މި ރިޕޯޓުގައި ބަލާފައިވާ ކަންކަމުގެ ތެރޭގައި، ރިއަލް އެސްޓޭޓްގެ އަސާސްތަކާއި، ކަރަންޓުގެ އިންފްރާސްޓްރަކްޗަރާއި، ތަރައްގީގެ ހަރަކާތްތަކާއި، ގަވާއިދުތަކުގެ އިތުރުން އޮޕަރޭޝަނަލް ރިސްކުތައް ހިމެނެއެވެ.
ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، އޭއައި އާއި ކްލައުޑްގެ ޑިމާންޑް ބޮޑުވުމުގެ ސަބަބުން ކަރަންޓާއި ތަރައްގީގެ މަސައްކަތްތަކަށް ބާރުބޮޑުވެ، ޑޭޓާ ސެންޓަރު މާކެޓްތައް މިހާރު ވަންނަމުންދަނީ އާ މަރުހަލާއަކަށެވެ. ޑިމާންޑް ބޮޑުވި ނަމަވެސް، ވާދަވެރިކަން މިހާރު ބިނާވަނީ ކަރަންޓު ލިބޭ މިންވަރާއި، މަސައްކަތް ތަންފީޒުކުރުމުގެ ގާބިލުކަމާއި، ބިން ލިބުމުގެ ފަސޭހަކަމާއި އަދި ގަވާއިދުތައް ފަރުމާކުރެވިފައިވާ ގޮތުގެ މައްޗަށެވެ.
2026 ވަނަ އަހަރުގެ ރިޕޯޓުގައި ދުނިޔޭގެ އެންމެ ކުރީގައި އުޅޭ ޕްރައިމަރީ ޑޭޓާ ސެންޓަރު މާކެޓަކީ ޑެލަސް އެވެ. އޭގެ ފަހަތުން އެޓްލާންޓާ، ވާޖިނިއާ، ކޮލަމްބަސް އަދި ޖޮހޯރު ހިމެނެއެވެ. އޭޕެކް ސަރަހައްދުން ގަދަ 10 އެއްގައި ހިމެނިފައިވަނީ ޖޮހޯރު އަދި ސިޑްނީ އެވެ. މީގެ އިތުރުން ސެކަންޑަރީ މާކެޓްތަކުގެ ގްލޯބަލް ރޭންކިންގގެ 9 ވަނައިގައި އިންޑިއާގެ ހައިދަރުއާބާދު ހިމެނެއެވެ.
އިންޑިއާގެ ޑޭޓާ ސެންޓަރު އީކޯސިސްޓަމް ބިނާވެފައިވަނީ ދުނިޔޭގެ 107 މާކެޓުގެ ތެރޭގައި ހިމެނޭ މުމްބާއީ، ހައިދަރުއާބާދު، ޗެންނާއީ، ދިއްލީ އެންސީއާރު، ޕޫނޭ އަދި ބެންގަލޫރު ފަދަ ސިޓީތަކުގެ މައްޗަށެވެ.
މާކެޓްތައް ޕްރައިމަރީ، ސެކަންޑަރީ އަދި ޓާޝަރީގެ ގޮތުގައި ގިންތިކޮށްފައިވާއިރު، ޕްރައިމަރީ މާކެޓްތަކަށް ބޮޑެތި އިންވެސްޓްމަންޓްތައް އައި ނަމަވެސް، ސެކަންޑަރީ އަދި ޓާޝަރީ މާކެޓްތައް ތަރައްގީކުރުމަށް މިހާރު ބޮޑު ސަމާލުކަމެއް ލިބެމުންދާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އޭޕެކް ސަރަހައްދުގައި އިންޑިއާގެ މައިގަނޑު (ޕްރައިމަރީ) މާކެޓުގެ ގޮތުގައި އަދިވެސް އޮތީ މުމްބާއީ އެވެ. އަދި 2026 ގެ ނިޔަލަށް މުމްބާއީގެ ކެޕޭސިޓީ 1 ޖީޑަބްލިއު އަށްވުރެ މައްޗަށް ގޮސް، މި ސަރަހައްދުގެ އެންމެ ހަލުވިކަމާއެކު ކުރިއަރާ ޑޭޓާ ސެންޓަރު ހަބަކަށް އެ ސިޓީ ވާނެކަމަށް ލަފާކުރެވެއެވެ.
ހައިދަރުއާބާދު، ޗެންނާއީ، ދިއްލީ އެންސީއާރު އަދި ޕޫނޭ ފަދަ ސެކަންޑަރީ މާކެޓްތަކުގައި އިންވެސްޓްމަންޓްތައް ދަނީ އިތުރުވަމުންނެވެ. އޭޕެކްގެ އެންމެ ކުރީގައި އުޅޭ ސެކަންޑަރީ މާކެޓެއްގެ ގޮތުގައި ހައިދަރުއާބާދު ފާހަގަކުރެވިފައިވާއިރު، ދުނިޔޭގެ ނިސްބަތުން އެ ސިޓީ އޮތީ 9 ވަނައިގައެވެ. ބެންގަލޫރު ގިންތިކޮށްފައިވަނީ ޓާޝަރީ މާކެޓެއްގެ ގޮތުގައެވެ.
ހައިޕަސްކޭލަރ ޑިމާންޑަކީ މުޅި އިންޑިއާގައި، ޚާއްސަކޮށް މުމްބާއީ، ހައިދަރުއާބާދު އަދި ޕޫނޭގައި މި ސިނާއަތް ފުޅާވުމުގެ މައިގަނޑު ސަބަބުކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އޭއައި ވޯކްލޯޑްތަކާއި ބޮޑެތި ކްލައުޑް ނެޓްވޯކްތަކުގެ ސަބަބުން ކެޕޭސިޓީ އިތުރުކުރުމުގެ ސްޓްރެޓަޖީތަކަށް ދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. އާ ސިޓީތަކުގެ ތެރެއިން ވިޒާގް ދަނީ މުސްތަގުބަލުގެ އޭއައި ހަބަކަށް ވުމަށް ތައްޔާރުވަމުންނެވެ.
އިންޑިއާގެ މުސްތަޤުބަލުގެ ކުރިއެރުމަށް ބަލާއިރު، މިހާރުވެސް ބިން ހޯދުމުގެ މަރުހަލާގައި 10.5 ޖީޑަބްލިއު އަށްވުރެ ބޮޑު ކެޕޭސިޓީއެއް އެބަހުއްޓެވެ. އިންޑިއާގައި ޑޭޓާ ސެންޓަރުތަކުގެ ޑެންސިޓީ ހުރީ ކޮންމެ މެގަވޮޓަކަށް 943,000 މީހުންގެ ނިސްބަތުގައެވެ. މިއާއެކު 2025 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ޑޭޓާ ސެންޓަރުތަކުގެ ހުސް ޖާގަ (ވޭކަންސީ) ވަނީ 12.9 އިންސައްތައަށް ދަށްވެފައެވެ.
އޭޕެކް ސަރަހައްދަށް ބަލާއިރު މުޅި ސަރަހައްދުގެ އޮޕަރޭޝަނަލް އިންވެންޓަރީ ވަނީ 1.5 ޖީޑަބްލިއު އަށް ފުޅާވެ، ކެޕޭސިޓީއަށް 13 އިންސައްތައިގެ ކުރިއެރުމެއް އައިސްފައެވެ. ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ހިނގަމުންދާއިރުވެސް، ވޭކަންސީ ވަނީ 12.4 އިންސައްތައިން 10.9 އިންސައްތައަށް ދަށްވެފައެވެ. އަދި އޭޕެކް ސަރަހައްދުގެ ގިނަ އާ ޑޭޓާ ސެންޓަރުތައް އިމާރާތްކޮށް ނިމުމުގެ ކުރިން އެތަންތަން އޮންނަނީ ކުއްޔަށް ހިފާފައެވެ. މި ސަރަހައްދުގައި އަހަރަކު 20 އިންސައްތައިގެ ކުރިއެރުމެއް މި ސިނާއަތަށް ދަނީ އަންނަމުންނެވެ.
މި ސިނާއަތް ކުރިއެރުވުމަށް އިންޑިއާ ސަރުކާރުންވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. "ޑްރާފްޓް ނޭޝަނަލް ޑޭޓާ ސެންޓަރ ޕޮލިސީ 2025" ގެ ދަށުން 20 އަހަރު ދުވަހުގެ ޓެކްސް މާފުކުރުމާއި، ކެޕިޓަލް ޚަރަދުތަކަށް ޖީއެސްޓީ އިންޕުޓް ޓެކްސް ކްރެޑިޓް ދިނުމަށް ވަނީ ހުށަހަޅާފައެވެ.
2022 އިން 2025 އަށް ކަރަންޓު އުފެއްދުމުގެ ކުރިއެރުމުގައި ދުނިޔޭގެ 4 ވަނައިގައި އިންޑިއާ އުޅުނު ނަމަވެސް، ކަރަންޓު ފޯރުކޮށްދިނުމުގައި ގެއްލޭ ނިސްބަތް (ޓްރާންސްމިޝަން ލޮސް) 14.2 އިންސައްތައިގައި ހުރުމުން، ގްރިޑްގެ އެފިޝިއެންސީ ރަނގަޅުކުރަން ޖެހޭކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ކުޝްމަން އެންޑް ވޭކްފީލްޑްގެ އެގްޒެކެޓިވް މެނޭޖިންގ ޑިރެކްޓަރ (މުމްބާއީ އަދި ނިއު ބިޒްނަސް) ގޯތަމް ސަރަފް ވިދާޅުވީ، ދުނިޔޭގެ ޑޭޓާ ސެންޓަރު ސިނާއަތް މިހާރު މިސްރާބު ޖަހާފައިވަނީ މަސައްކަތްތައް ތަންފީޒުކުރުމަށް އިސްކަންދޭ މަރުހަލާއަކަށް ކަމަށާއި، ޑިމާންޑެކޭ އެއްފަދައިން ކަރަންޓާއި އިންފްރާސްޓްރަކްޗަރގެ ތައްޔާރީތައް މުހިންމުވެއްޖެ ކަމަށެވެ. އަދި އިންޑިއާގައި އޮތް ބޮޑު ޑިމާންޑާއި، ކުރިއަރަމުން އަންނަ ޕްރޮޖެކްޓްތަކުގެ އިތުރުން ގިނަ ސިޓީތަކެއްގެ މައްޗަށް އެކުލެވޭ އީކޯސިސްޓަމްގެ ސަބަބުން، މި ބަދަލުގެ ތެރޭގައި އިންޑިއާ އޮތީ ވަރަށް ރަނގަޅު މަގާމެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.