ދުނިޔެ

އިންޑިއާގެ ކަންބޮޑުވުންތަކާއެކު ޕާކިސްތާނާ ގުޅުން ބަދަހިކޮށް ބަންގްލަދޭޝްގެ ޑިޕްލޮމެޓިކް މައިދާން ފުޅާކުރަނީ

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ބަންގްލަދޭޝްގެ އާ ސަރުކާރުން އަވަށްޓެރި ގައުމުތަކާއެކު ބާއްވާ ގުޅުންތައް ހަމަހަމަކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ތަޖުރިބާކާރުން ބުނެފިއެވެ. ގިނަ އަހަރުތަކެއް ވަންދެން ބަންގްލަދޭޝްގެ އިސް އޮފިޝަލުންނަށް ތަމްރީނު ދިނުމާއި، ސަރަހައްދީ ގޮތުން އިރުޝާދު ދިނުމުގެ މައިގަނޑު ދައުރެއް އަދާކުރީ އިންޑިއާއިންނެވެ. ނަމަވެސް، މިހާރު އޭގެ ތެރެއިން ބައެއް އޮފިޝަލުން ޕާކިސްތާނުން ތަމްރީނު ހޯދަމުންދިއުމަކީ ނިއު ދިއްލީން ކަންބޮޑުވާ، އަދި ޑާކާގެ އާ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރަން އުޅޭ ގޮތް ދައްކުވައިދޭ ރަމްޒީ ބަދަލެކެވެ.

Ads by Allied

މޭ މަހުގެ 4 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް، ލާހޯރުގައި ހުންނަ ސިވިލް ސާވިސަސް އެކެޑަމީގައި ކުރިއަށްދިޔަ އެގްޒެކެޓިވް ޓްރެއިނިންގ ޕްރޮގްރާމެއްގައި ބަންގްލަދޭޝްގެ އިސް 12 ބިއުރޮކްރެޓުން ވަނީ ބައިވެރިވެފައެވެ. މިއީ މަގާމުން ދުރުކޮށްފައިވާ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ވެރިކަމުގައި އިންޑިއާއާ މާބޮޑަށް ގާތްކަން ބޭއްވުމަށްފަހު، ބަންގްލަދޭޝްގެ ޑިޕްލޮމެޓިކް މައިދާން އިތުރަށް ފުޅާކުރުމަށް މިހާރުގެ ބޮޑުވަޒީރު ތާރިޤް ރަޙްމާން ކުރައްވާ މަސައްކަތްޕުޅެއް ކަމަށް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. ޕާކިސްތާނާއެކު އޮންނަ ގުޅުން އާންމު ހާލަތަކަށް ގެނައުމާއި، ޖަމާޢަތޭ އިސްލާމީ ފަދަ ޕާޓީތަކުގެ ނުފޫޒު ބަންގްލަދޭޝްގެ އެތެރޭގައި ގަދަވަމުންދާތީ، އިންޑިއާއިން ދަނީ އެ ގައުމުގެ ޚާރިޖީ މިސްރާބު ވަރަށް ގާތުން ބަލަމުންނެވެ. އިންޑިއާއިން ޖެހިލުންވަނީ މީގެ ސަބަބުން އެ ގައުމުގެ އިރުމަތީ ބޯޑަރުގެ ސަލާމަތަށް އަނެއްކާވެސް ނުރައްކާވެދާނެތީއެވެ.

އިންޑިއާގެ އޮބްޒާވަރުން ފާހަގަކުރާ ގޮތުގައި، ޕާކިސްތާނަށް ގޮސްފައިވަނީ ބަންގްލަދޭޝްގެ މަދު އޮފިޝަލުންތަކެކެވެ. އީ-ގަވަރނަންސް، ޕަބްލިކް ޕޮލިސީ އަދި ތަޢުލީމީ ދާއިރާ ފަދަ އެކި ދާއިރާތަކުން ބަންގްލަދޭޝްގެ އެތައް ވަފުދުތަކަކަށް ދިއްލީން އަދިވެސް ދަނީ މަރުހަބާ ކިޔަމުންނެވެ. ހަމައެއާއެކު، ކުރިން އޮތް އިންތިގާލީ ސަރުކާރުގެ ދުވަސްވަރު ހީނަރުވެފައިވާ އިންޑިއާ-ބަންގްލަދޭޝް ގުޅުން އަލުން ބަދަހިކުރުމަށްވެސް ބޮޑުވަޒީރު ތާރިޤް ރަޙްމާންގެ ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. މިގޮތުން، ފެބްރުއަރީ މަހު ބޭއްވި އިންތިޚާބަށްފަހު އާ ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ދެ ގައުމުގެ ދެމެދުގައި ބޭއްވި ފުރަތަމަ މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް، ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޚަލީލުރް ރަޙްމާން ވަނީ ފާއިތުވި މަހު ދިއްލީއަށް ޒިޔާރަތްކުރައްވާފައެވެ.

Ads by Allied Insurance