މި މަހު ފަހުކޮޅު ބީއެމްއެލްގެ ޑޮލަރު ލިމިޓަށް ބޮޑު ލުއެއް ދޭނެކަމުގެ އިޝާރަތެއް
މި ހިނގާ ޖޫން މަހުގެ ފަހުކޮޅު ބީއެމްއެލްގެ ޑޮލަރު ލިމިޓަށް ބޮޑު ލުއެއް ދޭނެކަމުގެ އިޝާރަތެއް ސަރުކާރުން ދީފިއެވެ.
ކޮވިޑްގެ ހާލަތުގެ ފަހުން ބޭންކް އޮފް މޯލްޑިވްސްގެ ކާޑު ލިމިޓް ކުޑަކޮށްފައި އޮންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އަދި މިދިޔަ އަހަރު ރުފިޔާ ޑެބިޓް ކާޑު ލިމިޓްގެ 500ޑޮލަރަށް ބޮޑުކުރުމަށް ފަހު އަނެއްކާވެސް ކުޑަކުރިއެވެ.
އަދި މެދުއިރުމަތީގެ ހަނގުރާމަ ފެށުނު ފަހުން ބީއެމްއެލްގެ ޑެބިޓް ކާޑު ބޭނުންކުރާ އެންމެންގެ މެދުގައި ދުވާލަކަށް ބޭންކުރެވޭނެ ލިމިޓެއް ވެސް ވަނީ ކަނޑައަޅައިފައެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ރައީސް މުއިއްޒު ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އިއްޔެ ބީއެމްއެލްއިން މައުލޫމާތު ސާފުކުރެއްވި ކަމަށެވެ.
އަދި މި މަސް ނިމޭއިރު ބީއެމްއެލްއިން ޑޮލަރު ހިފަހައްޓަން އަޅާފައި ހުރި ފިޔަވަޅުތަކަށް ވަރަށް ބޮޑު ލުއިދޭނެކަމަށް ބުނެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެއާ ގުޅޭ އިތުރު ތަފްސީލެއް ރައީސް ނުދެއްވައެވެ.
ޑޮލަރު ދޫކުރާ މިންވަރު ބީއެލްއެލްއިން ވަރަށް ބޮޑަށް ލިމިޓްކޮށްފައިވާ އިރު މިހާރު ޑޮލަރެއްގެ އަގު ބްލެކް މާކެޓުގައި ހުރީ 20ރުފިޔާއިން މަތީގައެވެ.